10 Sep 2013, 15:09
ރިސޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ފަސް ރަށުގެ އެކުއިޒިޝަން ފީ ދައްކާފައި ނުވާތީ އެފަރާތްތަކަށް ދީފައިވާ ނޮޓިފިކޭޝަން އޮފް އެވޯޑް ބާތިލުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިއްޔެ ނެރެފައިވާ ބަޔާންގައި ބުނެފައި ވަނީ ނޯޓިފިކޭޝަން އޮފް އެވޯޑްގެ މުއްދަތު މިދިޔަ ބުދަ ދުވަހު ހަމަވެފައިވާ އިރު އެކުއިޝަން ކޯސްޓް ދައްކާފައި ވަނީ މ. މަޑިފުއްޓަށް މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ޕްރައިވެޓް ލިމިޓެޑުން އެކަންޏެވެ.
ބީލަން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ނ. ކުންނަމެލައި، ރ.ފަސްމަންދޫ، ރ.ކުޑަފުށި އަދި ތ.ވަންބަންދީގެ ލީޒް އެކުއިޒިޝަން ކޯސްޓް ދައްކާފައި ނުވާތީ ބިޑް ޑޮކިއުމަންޓާ އެއްގޮތްވާ ގޮތުގެ މަތިން އެފަރާތަށް ދީފައިވާ ނޮޓިފިކޭޝަން އޮފް އެވާޑް ބާތިލުކޮށްފައިވާ ކަމަށާއި އެ ފަރާތްތަކުން ހުށަހަޅާފައިވާ 50،000 އެމެރިކާ ޑޮލަރުގެ ބޭންކް ގެރެންޓީ ސަރުކާރަށް ނެގިފައިވާ ކަމަށް އެ މިނިސްޓްރީ ބުންޏެވެ.
ރ. ފަސްމެންދޫ އަށް ދެވަނަ އަށް އެންމެ ބޮޑު ލީސް އެކުއިޒިޝަން ކޯސްޓް ހުށަހެޅުއްވި ފަރާތްކަމަށްވާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ޕްރައިވެޓް ލިމިޓެޑް އަދި ނ. ކުންނަމެލި އަށް ދެވަނަ އަށް އެންމެ ބޮޑު ލީސް އެކުއިޒިޝަން ކޯސްޓް ހުށަހެޅުއްވި ފަރާތްކަމަށްވާ ޕާލް ޕްރެސްޓައިޖް ޕްރައިވެޓް ލިމިޓެޑްއަށް އިއްޔެ ވަނީ ނޮޓިފިކޭޝަން އޮފް އެވާޑް ހަވާލް ކުރައްވާފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ބިޑް ޑޮކިއުމަންޓްގައިވާ ގޮތުން ނޮޓިފިކޭޝަން އޮފް އެވޯޑް ހަވާލު ކުރި ދެވަނަ ފަރާތްތަށް އޭގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށް ލިބޭނީ ނޮޓިފިކޭޝަން އޮފް އެވޯޑް ހަވާލް ކުރާ ދުވަހުން ފެށިގެން 15 ދުވަހެވެ. އަދި 15 ދުވަހުގެ ތެރެގައި ފުރިހަމަ ނުކުރެވިއްޖެ ނަމަ އެފަރާތަށް ދެވިފައިވާ ނޮޓިފިކޭޝަން އޮފް އެވޯޑް ބާތިލްވަނެ އެވެ. އަދި އެފަރާތުން ހުށަހަޅާފައިވާ ބޭންކް ގެރެންޓީ ވެސް ސަރުކާރަށް ނެގޭނެ ކަމަށް އެމިނިސްޓްރީ އިން ބުނެފައިވެ އެވެ.