10 Sep 2013, 14:28
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް އޭނާ ކޯޓަށް ހާޒިރުނުވުމުން ކެންސަކްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ މިއަދު 10:00 އަށް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވުމުން ވެސް ހާމިދު ކޯޓަށް ހާޒިރުނުވި ކަމަށެވެ.
ހާމިދުގެ މައްޗަށް ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ހދ. ހޮނޑައިދޫގައި އޭނާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކުދާ އެއްޗިހި ދިނުމަށް ފުލުހުން އެދުމުން އެކަމަށް އިންކާރު ކޮށްފައިވާތީ އެވެ.
އެ ދައުވާގެ އިތުރުން ބަނގުރާ ގެންގުޅުމުގެ ދައުވާ އާއި ކެނަބިހުން މުއާމަލާތްކުރުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފަ އެވެ.