ރިޔާސީ އިންތިހާބްގައި އެމްޑީޕީއާ ދެކޮޅަށް ނުކުންނާނެ ވަރުގެ އިއްތިހާދެއް ނުހެދޭނެ ކަމަށާއި އިދިކޮޅު ވާދަވެރިން ރާއްޖޭގެ ތަރައްގީއަށް ޓަކައި އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ގަލޮޅު ދެކުނު ކަން މަތީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާދަވެރިން ވެސް އެމްޑީޕީގެ ހަރުގެ ތަކަށް އައިސް ގުޅެމުން އަންނަ ކަމަށެވެ. އަދި ދެވަނަ ބުރުގައި ކުރީގެ އެތައް ވާދަވެރިންނެއް އެމްޑީޕީއާ ގުޅެމުން އަންނަ ކަމަށާއި އިދިކޮޅު ވާދަވެރިންނަށް އެމްޑީޕީގެ ސިޔާސަތުތައް ސާފުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގެ ރައްޔިތުން ތިބީ އެމްޑީޕީ އަށް ވާދަކުރަން ތައްޔާރަށް ނޫން. އަދި އެފަދަ ޖޯޝެއް ނެތް. ސިޔާސީ ކަންކަމަކީ ރައްޔިތުންގެ ވިންދާ އެކީ ކުރިއަށް ދިޔުން. މިއަދު އިއްތިހާދެއް ނުހެދިގެން އުޅެނީ ރައްޔިތުންގެ ވިންދާއި ޖޯޝު އެކަމަށް ނެތީމާ،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމަށް ފަހު ޑރ. ހަސަން ސައީދާއި، ޑރ. ޝަހީދު އެމްޑީޕީ އާއި އޭރު ގުޅިވަޑައިގަތުމަށް 24 ގަޑިއިރު ވެސް ނުނެގި ކަމަށާއި އޭގެ ފަހުން ގާސިމް އިބްރާހިމް ގުޅި އެންމެން އެއް އަތަށް އަރާ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަން ބަދަލުކުރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދާ އެންމެ ކައިރިން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ އެކު ކޯލިޝަން ހެދުމަށް އިދިކޮޅު ބައެއް ފަރާތްތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޕީޕީއެމުން ގެންދަނީ ހުރިހާ އިދިކޮޅު ޕާޓީތަކެއްގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އިންތިހާބްގެ އެއް ވަނަ ބުރުގައި ވޯޓްލި މީހުންގެ އާބާދީގެ 45 ޕަސެންޓް އެމްޑީޕީ އަށް ލިބުނު އިރު އަނެއް 55 ޕަސެންޓް މީހުންނަކީ އިދިކޮޅު ވިސްނުމުގެ މީހުންނެވެ.