10 Sep 2013, 13:50
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި ޝަކުވާތަކެއް އެބަހުރި ކަމަށާއި ނަމަވެސް އިންތިހާބުގެ ނަތީޖާ ގަބޫލްކޮށް އެ ނަތީޖާއާ އެކު ކުރިއަށްދާނެ ކަމަށް އެމްޑީޕީ އާއި ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަސްމީ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ (ޓީވީމުއާ) ވިދާޅުވީ އިލެކްޝަނާ ދޭތެރޭ އަބަދުވެސް އެ ޕާޓީ އިން ޝަކުވާތަކެއް ހުރި ކަމަށާއި އަދި އެކަންކަން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާނެ ކަމަށެވެ. މުއާޒް ވިދާޅުވީ އެ ޕާޓީ އިން ނަތީޖާ އާ އެކު ކުރިއަށްދާ ކަމަށާއި އެގޮތުން ދެވަނަ ބުރަށް ކެމްޕެއިން ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޝަކުވާ ހުރި އަބަދުވެސް، ނަމަވެސް އަޅުގަނޑުމެން ނެތިން ނަތީޖާއާ ގުޅިގެން ހަމަނުޖެހުމަކަށް ދާކަށް. އަޅުގަނޑުމެން މިދަނީ ނަތީޖާއާ އެކު ދެވަނަ ބުރަށް ކެމްޕެއިން ކުރަމުން،" މުއާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަތީޖާއާ ގުޅިގެން އެއްވެސް ޕާޓީއަކުން ހިންގާ ހަމަނުޖެހުމެއްގައި ބައިވެރިވާން އެ ޕާޓީ އިން ނުނިންމާ ކަމަށެވެ.
އިންތިހާބާ ގުޅޭގޮތުން އެންމެ ގިނަ ވޯޓް ހޯދި އެމްޑީޕީގެ ސްޕޯކްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ އެ ޕާޓީ އިން ހުރި ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް އަބަދުވެސް ހުށައަޅަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ އިންސާފުވެރި އިންތިހާބު ކަމަށާއި އެ ނަތީޖާ އެންމެ ފުރިހަމައަށް އެމްޑީޕީ އިން ގަބޫލް ކުރާ ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް ފާޑު ވިދާޅުވެ އިންތި ވިދާޅުވީ އެ ޕާޓީ އިން ނަތީޖާއާ ދެކޮޅު ހަދަނީ ފިތުނަ އުފައްދަން ކަމަށެވެ. އަދި އެކަމަކީ "ގާސިމް އިބްރާހިމް ކައިރި ތިބި މީހުން އެބޭފުޅާގެ ފައިސާތައް ހުސްކުރަން" ކުރާ ކަމެއްކަމަށް އިންތި ވިދާޅުވި އެވެ.
އިންތިހާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ އިން ސުވާލު އުފައްދައި އެ މައްސަލަ ކޯޓަށް ވެސް ވަނީ ހުށައަޅައިފަ އެވެ.
ކޮމަންވެލްތުން އިންތިހާބަށް ކަނޑައަޅާފައިވާ އޮބްޒާވާ ގުރޫޕުން ބުނެފައި ވަނީ ހޮނިހިރު ދުވަހު ނިމިގެން ދިޔަ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ މެދު ސުވާލު އުފެދޭ ވަރުގެ މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އަށް ބަލާ އިރު ޖުމްހޫރީ ޕާޓީއަށް ލިބިފައި ވަނީ 24.1 ޕަސެންޓް އެވެ. އަދި ގައުމައިގެން ކުރިއަށް ކޯލިޝަންއަށް ފަސް ޕަސެންޓް ލިބުނު އިރު ޕީޕީއެމް އިން ވަނީ 25.3 ޕަސެންޓް އަދި އެމްޑީޕީ އިން ވަނީ 45.5 ޕަސެންޓް ކާމިޔާބުކޮށްފަ އެވެ.