10 Sep 2013, 13:16
ރިޔާސީ އިންތިހާބުގެ ކަންތައްތައް ބެއްލެވުމަށް ރާއްޖެއަށް ޒިޔާރަތް ކުރެއްވި އދ.ގެ ޑިޕާޓްމަންޓް އޮފް ފޮލިޓިކަލް އެފެއާޒްގެ ވަފުދުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުގެ ކަންތައްތައް ކުރިއަށްދިޔަ ގޮތާ ބެހޭ ގޮތުން ރައީސް އާއި އދ.ގެ ވަފުދުގެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.
މިބައްދަލުކުރެއްވުމުގައި ނިމިގެންދިޔަ ރިޔާސީ އިންތިހާބަކީ ވަރަށް ދެފުށް ފެންނަ އަމާން އޮމާން އިންތިހާބެއްކަން އދ.ގެ ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވި އެވެ. އަދި މިމަހުގެ 28 ވަނަ ދުވަހު އޮންނަ މި އިންތިހާބުގެ ދެވަނަ ބުރަކީ ވެސް، ހަމަ އެފަދަ އަމާން އިންތިހާބަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވަފުދުގެ ބޭފުޅުން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ ވެސް އަމާން އިންތިހާބަކަށް ހެއްދެވުމަށް ޓަކައި ސަރުކާރުން ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން އދ.ގެ ވަފުދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ. އަދި އދ. އިން ރާއްޖެ އަށް ދެއްވަމުން ގެންދަވާ އެހީތެރި ކަމަށާއި ކުރައްވާ އިތުބާރަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.