10 Sep 2013, 12:34
ހއ. އުތީމުގައި ރުކަކުން ވެއްޓުނު މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.
އުތީމު ކައުންސިލް މެމްބަރު އަބުދުއްރަޝީދު މަންސޫރު ވިދާޅުވީ ރުކަކުން ވެއްޓި އަނިޔާވެފައި ވަނީ އެރަށު ޒުނޯރިއާގެ، އަހުމަދު އިބްރާހިމް، 53، ކަމަށެވެ.
ކައުންސިލަރު ވިދާޅުވި ގޮތުގައި އިއްޔެ ހެނދުނު 6:30 ހާއިރު ހިނގި އެ ހާދިސާގައި އަހުމަދު އިބްރާހިމްގެ މައިބަދައިގައި ރެނދުލައި ކަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި އޭނާ އަށް މިހާރު ވެސް އަންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އުތީމު ބަނދަރު ސަރަހައްދުގައި ހުރި ގާތްގަނޑަކަށް 16 ވަރަކަށް ފޫޓުދިގެ ރުކުން އަހުމަދު އިބްރާހިމް ވެއްޓިފައި ވަނީ އިއްޔެ ހެނދުނު 6:30 ހާއިރު ރުއްއަރަން އަރައިގެން އުޅެނިކޮށް ފަންތޮށި ގަނޑެއްގައި ހިފިތަނުން، ފަންތޮށި ގަނޑާއެކު ވެއްޓުނީ ކަމަށެވެ.
ކައުންސިލަރު ވިދާޅުވީ އެ ރުކަކީ ކައުންސިލަށް ބަދަލު ދީފައި ނަގާފައި ހުރި ރުކެއް ކަމަށާއި ނަމަވެސް އެގޮތަށް ކައުންސިލަށް ނަގާފައި ހުންނަ ރުއްތަކަށް މީހުން އަރަމުންދާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
މީގެ ދެ މަސް ކުރިން ވަނީ ފުވައްމުލަކުގައި ވެސް ރުކަކުން މީހަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.