ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވޯޓު ނުދިނުމަށް އެދިފައިވާ ސިޓީއެއް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ޓުވީޓު ކުރެއްވި މައްސަލާގައި އޭނާ އަށް އިދާރީ އަދަބެއް ދެއްވުމަށް ހޯމް މިނިސްޓަރަށް އެންގުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން (ޕީއައިސީ) ނިންމައިފި އެވެ.

އެ ގޮތަށް ނިންމީ ޕީޕީއައިސީގެ ހަތަރު މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ނިންމުމާ ދެކޮޅު ހެއްދެވީ އެ ކޮމިޝަންގެ މެންބަރު އަލީ ނަދީމެވެ. ނަދީމު އެދިވަޑައިގެންނެވީ އިދާރީ އަދަބެއް ދިނުމުގެ ބަދަލުގައި އެއަށް ވުރެ ބޮޑު އަދަބަކަށެވެ. ރިޔާޒުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕޮރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވަން ފެންނަ ކަމަށާއި ފުލުހުންގެ ގާނޫނާ ހިލާފަށް ރިޔާޒު އަމަލު ކުރެއްވި ކަމަށް ތަހުގީގަށް އެނގެން އޮންނާތީ، ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާ އޭނާގެ މައްޗަށް ތަންފީޒު ކުރުމަށެވެ. އެ މާއްދާގައި ބުނަނީ ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމާއި ފައިސާއިން ޖޫރިމަނާ ކުރުމެވެ.

ރިޔާޒާމެދު އިދާރީ ފިޔަވަޅެއް އެޅުމަށް ކޮމިޝަންގެ ނިންމީ ރައީސް މުހައްމަދު ނަޝީދަށް ވޯޓު ނުދިނުމަށް އެދިފައިވާ ސިޓީއެއް ޓްވީޓު ކުރެއްވި ކަމަށް ތަހުގީގުގައި ރިޔާޒު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ސިޓީ ރިޔާޒު ޓުވީޓް ކުރެއްވުމުން، އެ ސިޓީގައިވާ ކަންތައްތަކަށް އޭނާ ތާއިދު ކުރެއްވީ ކަމަށް ބެލެވޭނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ޓުވިޓާގައި ރިޔާޒު އާންމު ކުރެއްވި ޓުވީޓުގައި ނަޝީދަށް އިޝާރާތްކޮށް ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ "މަކަރުވެރި ނުލަފާ އިންސާނާ" ކަމަށާއި އަންނަ މަހު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ނޫނެކޭ ބުނުމަށެވެ.

ފުލުހުންގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ފުލުހުން ކުރުން މަނާ ކަންތައް ބަޔާންކޮށްފައިވާ މާއްދާގެ (ށ)ގައި ބުނަނީ ވަކިފަރާތަކަށް ނުޖެހި އޭނާގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅާނެ ކަމާ މެދު އާންމު ރައްޔިތުންގެ ހިތުގައި ޝައްކެއް އުފެދިދާނެ އެއްވެސް އަމަލެއް ކުރުން ނުވަތަ އެއްވެސް ހަރަކާތެއްގައި ފުލުހަކު ބައިވެރިވުމަކީ މަނާ ކަމެކެވެ.