ލ. ކުނަހަންދޫގައި ހުރި ޖުމްހޫރީ ޕާޓީގެ އޮފީސް ފަޅާލައި ބައިލައްކަ ރުފިޔާ އާއި ބައެއް އިލެކްޓްރޯނިކް ސާމާނު ވަގަށް ނަގައިފި އެވެ.

ކުނަހަންދޫގައި ހުންނަ ޖުމްހޫރީ ގޮފީގެ ރައީސް ލިރުޣާމް ސައީދު (ލަރޭ) މިއަދު ވިދާޅުވީ ޕާޓީގެ ޖަގަހަ ބަންދުކޮށްފައި ދިޔައީ ރޭ 2:15 ހާއިރު ކަމަށެވެ. ލަރޭ ވިދާޅުވީ ޖަގަހަ ތެރޭ ވަކިން ހަދާފައިވާ އެ ޕާޓީގެ ޖަގަހައިގެ އޮފީސް ތެރެއަށް ވަދެ ވައްކަންކޮށްފައި ވަނީ އެލުމިނިއަމް ދޮރުގައި ހަރުކޮށްފައިވާ ދެ ތަޅުވެސް ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ.

ލަރޭ ވިދާޅުވީ ޖޭޕީގެ އޮފީސް ތެރޭ ބަހައްޓާފައި ހުރި 50،000ރ. ވަގަށް ނަގާފައިވާ އިރު، ޖަގަހަތެރޭ ހުރި ސީޑީ ޕްލަޔަރެއްގެ އިތުރުން ޕްރޮޖެކްޓަރެއްގެ އިތުރުން ލައުޑްސްޕީކަރުގެ އެމްޕް ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަން ކުރި މީހުން އެނގޭ ކަމަށާއި އެ މައްސަލަ މިއަދު ހެނދުނު 10:30ގައި ފުލުހުންނަށް ރިޕޯޓު ކުރުމުން ސިޓީއަކުން މައްސަލަ ހުށަހެޅުމަށް ބުނެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ކުނަހަންދޫ އެފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.