ޗައިނާ އަށް ދަތުރުކުރަމުން ދިޔަ މެގާ މޯލްޑިވްސްގެ ފްލައިޓެއް މާބަނޑު އަންހެނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޑިއާގެ ޓްރެވިންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓަށް އެމަޖެންސީގައި ޖައްސައިފި އެވެ.

އިންޑިއާގެ ޓައިމްސް މެގަޒިންގައި ބުނެފައި ވަނީ އެ ފްލައިޓް ރޭގެ ވަގުތެއްގައި ޓްރެވިންޑްރަމްގެ އެއާޕޯޓަށް ޖެއްސީން އޭގެއިން ދަތުރުކުރި ޔަންޒީ ނަމަކަށް ކިޔާ 23 އަހަރުގެ މާމަނޑު މީހެއްގެ ބަނޑުގައި ރިއްސާ ލޭ އަންނަން ފެށުމުން ކަމަށެވެ.

އެ ވަގުތު މެގަ މޯލްޑިވްސްގެ ފްލައިޓް އޮތީ އިންޑިއާއާ ގާތްގަނޑަކަށް 50 ނޯޓިކަލް މޭލު ބޭރު ސަރަހައްދެއްގައި ކަމަށާއި އޭރު އެފްލައިޓް ކޮންޓްރޯލް ކުރަމުން ގެންދިޔައީ ޓްރެވިންޑްރަމްގެ އެއާޕޯޓްގެ ޓާމިނަލުން ކަމަށް ވެސް އެއާޕޯޓްގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައިވެ އެވެ. އަދި ދިމާވެގެން އުޅޭ ހާލަތު ބަޔާންކޮށް ފްލައިޓްގެ ޕައިލެޓް ޓަވަރަށް އެންގުމުން އެ އަންހެން މީހާ އަށް އެހީތެރިވުމަށް ފްލައިޓް ޖެއްސި ވަތުތު އެއާޕޯޓުން މެޑިކަލް ފެސިލިޓީޒް ހަމަޖައްސައިދިން ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

އެ ހާދިސާއާ ގުޅިގެން އަންހެން މީހާ ވަނީ އާނަންތަ ޕޫރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައިވާ ކަމަށް ވެސް އެއާޕޯޓްގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވެ އެވެ.

އެ އަންހެން މީހާއާ އެކު އޭނާގެ ފިރިމީހާ ވެސް ދަތުރު ކުރި އެވެ. އޭނާގެ ވެސް އަންހެން މީހާ އާ އެކު އިންޑިއާ އަށް އެތެރެވުމުގެ އެންމެ ހާ ކަންތައްތަކެއް ހަމަޖައްސައިދީފަ އެވެ. މިހާދިސާއާ ގުޅިގެން އެ ފްލައިޓް ވަނީ ތިން ގަޑިއިރަށް ޑިލޭވެފަ އެވެ.