10 Sep 2013, 11:13
ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގައި އިއްޔެ އިންޑިއާ އަތުން 1-0 ލަނޑުން ރާއްޖެ ބަލިވާން ޖެހުނު އެންމެ ބޮޑު އެއް ހަގީގަތަކީ ރެފްރީ ކަމަށް މުބާރާތް ކަވާ ކުރުމަށް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ތިބި ބޭރު ގައުމުތަކުގެ ނޫސްވެރިން ބުނެފި އެވެ.
އިންޑިއާ އާއި ދެކޮޅަށް ރާއްޖެ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި ރެފްރީއަކަށް ހުރީ ޖޯޑަންގެ އިދްހާމް މުހައްމަދެވެ. އަދި އެސިސްޓެންޓު ރެފްރީގެ ގޮތުގައި ތިބީ އަފްގާނިސްތާނާއި ޖޯޑަންގެ މީހެކެވެ.
މުބާރާތް ކަވާކުރުމަށް ކަތަމަންޑޫގައި ހުރި އީއެސްޕީއެންގެ ރިޕޯޓަރު ބުނީ، ރާއްޖޭގެ ކުޅުން ވަރަށް ފުރިހަމަ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ފޯވާޑް އަލީ އަޝްފާގް(ދަނގަޑޭ) ދަނޑު މަތީގައި އެދައްކާ ކުޅުމަކީ ޔޫރަޕްގެ ގައުމު ތަކުގެ ކުޅުންތެރިން ދައްކާ ކަހަލަ މޮޅު ކުޅުމެއް ކަމަށެވެ. އެކަމަކު ވެސް އިއްޔެ އިންޑިއާ އަތުން ރާއްޖެ ބަލިވީ ރާއްޖޭގެ ކުޅުން ދަށްވެގެން ނޫން ކަމަށާއި ރާއްޖެ ގަސްތުގައި ބަލިކޮށްލުމަށް ރެފްރީ ނިންމާފާ ވުމުން ކަމަށެވެ.
"ރާއްޖެ ކުޅުން ވަރަށް މޮޅު. ރާއްޖޭގެ ފޯވާޑް ދަނގަޑޭ އަކީ މިސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާކަން މިހާރު ގަބޫލް ކޮށްފިން. މެޗުގައި ރާއްޖެއަށް ޕެނަލްޓީވެސް ލިބުނު. އެކަމަކުވެސް ރާއްޖެ ފައިނަލަށް ނުގެންދަން ވެގެން ރެފްރީ ނިންމީ އަސްލު ޕެނަލްޓީ ރާއްޖެއަށް ނުދޭން. ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ހިތް ހަމަނުޖެހެ." އީއެސްޕީއެންގެ ރިޕޯޓަރު ބުންޏެވެ.
ބަންގްލަދޭސްގެ ރިޕޯޓަރަކު ބުނީ، ރެފްރީއަށް އިއްޔެގެ މެޗް ރަނގަލަށް ކޮންޓުރޯލް ނުކުރެވުނު ކަމަށާއި ރާއްޖޭގެ ކުޅުން ތެރިންނަށް އިންޑިޔާއިން ކުރަމުން ދިޔަ ފައުލްތަކަށް ވެސް ރެފްރީ މާކަބޮޑު ސަމާލްކަމެއް ދީފައި ނުވާ ކަމަށެވެ.
ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީއަށް މެޗުގެ ރެފްރީއާއި ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ބައެއް އޮފިޝަލުން ވަނީ ހަމަލާ ދީފަ އެވެ.