ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ފުރޭނިގެން އައިއިރު ފާހަގަކޮށްލެވުނު އެއް ކަމަކީ މިފަހަރުގެ އިންތިހާބުގައި މިވަގުތު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް ލިބިވަޑައިގެންނެވި ވޯޓުގެ މަދު ކަމެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި އިރު، ޑރ. ވަހީދަށް ލިބިވަޑައިގަތީ 10،750 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 5.13 ޕަސެންޓެވެ.

ފާހަގަކޮށްލެވުނު އަނެއް ކަމަކީ ގިނަ އަދަދެއްގެ ވޯޓު ފޮށިތަކުން ރައީސް ވަހީދަށް އެންމެ ވޯޓެއް ވެސް ލިބިވަޑައިގެންފައި ނުވާ ކަމެވެ.

އެ ގޮތުން ބަލާ އިރު، 16 ވޯޓު ފޮށްޓަކުން ވަހީދަށް އެންމެ ވޯޓެއް ވެސް ލިބިވަޑައިގެން ނުގަންނަވަ އެވެ.
މީގެ ތެރޭގައި ހިމެނެނީ 10 ރިޒޯޓަކާއި ފަސް ރަށެކެވެ.

އެންމެ ވޯޓެއްވެސް ވަހީދަށް ލިބިވަޑައިނުގަންނަވާ ރަށްތަކަކީ ބ. ފުޅަދޫ، ތ. ގުރައިދޫ، ތ. ގާދިއްފުށި، ތ. ވޭމަންޑޫ އަދި ލ. މުންޑޫ އެވެ.

އެންމެ ވޯޓެއްވެސް ލިބިވަޑައިނުގަންނަވާ ރިޒޯޓްތަކަކީ ފުށިވެލަވަރު، ސަން އައިލެންޑް، ހޮލިޑޭ އައިލެންޑް، ވިވަންތާ ބައި ތާޖް ކޮރަލް ރީފް، ފަން އައިލެންޑް، ކޮކޯ ޕާމް ބޮޑު ހިތި، ބަރޮސް، ތާޖު އެގްޒޯޓިކާ، ދުސިތު ތާނީ އަދި ކިހާޑު ރިޒޯޓެވެ.

ތިރީސް ވޯޓު ފޮށްޓަކުން ރައީސް ވަހީދަށް ލިބިވަޑައިގެންފައި ވަނީ އެންމެ ވޯޓެކެވެ. މީގެ އިތުރުން ރައީސް ވަހީދަށް 10 ވޯޓުވެސް ހަމަވެފައި ނުވާ ފޮށިތަކުގެ އަދަދު ގިނަ އެވެ.

ބައެއް ފަރާތްތަކުން ބުނަމުން ދަނީ މިއީ ވެރިކަމުގައި ހުންނެވި ރައީސަކަށް ވޯޓުގެ އެންމެ ކުޑަ ޕަސެންޓޭޖެއް ލިބިޑައިގެން ފަހަރު ކަމަށެވެ. ނަމަވެސް މިހެން ބުނާ ފަރާތްތަކުން މަސްދަރަކަށް ނަގަނީ ވިކިޕީޑިއާ އެވެ. ވިކިޕީޑިއާއަކީ ކޮންމެ މީހަކަށް ވެސް އޭގާ ލިޔެވޭ އެއްޗެއް އެޑިޓްކުރެވޭތީވެ މަސްދަރަކަށް ބަލާއިރު ވަރުގަދަ އެއްޗެއް ނޫނެވެ.

ޔަގީންވާ ކަމަކީ މިއީ ވެރިކަމުގައި ހުންނެވި ރައީސަކަށް އެންމެ މަދު ވޯޓް ޕަސެންޓޭޖެއް ލިބިފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ކަމެވެ. ވެރިކަމުގައި ހުންނަވާ ވޯޓު އެންމެ ދަށުން ލިބިފައިވުމުގެ ރެކޯޑް އޮތީ ރައީސް ވަހީދަށް ކަމަށް ދެކެވޭ ވާހަކަތަކަކީ އިތުބާރު ހިފޭ މަސްދަރެއްގެ ފަރާތުން އައިސްފައިވާ އެއްޗަކަށް ނުވާތީވެ، އޭގެ ހަގީގަތާ މެދު އެއްޗެއް ބުނާކަން ނޭނގެ އެވެ.

ރައީސް ވަހީދު އިންތިހާބުގައި ކުރިމަތިލެއްވީ ގިނިކަންޏަކާ ނޫނެވެ. ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށް އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ޑީއާރުޕީއާ އެކު އެވެ. ރައީސް ވަހީދުގެ ރަނިންގް މޭޓެއްގެ ގޮތުގައި ކުރިމަތިލެއްވީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެވެ.

މިއިންތިހާބުގެ ނަތީޖާއަށް ބަލާއިރު ރައީސް ވަހީދަކީ އެންމެ ގިނަ ވޯޓު ފޮށިން ސުމެއް ލިބިވަޑައިގެންނެވި ކެންޑިޑޭޓެވެ.

ދެން ތިބި ކެންޑިޑޭޓުންގެ ތެރެއިން ވޯޓު ފޮށްޓަކުން ސުމެއް ލިބިވަޑައިގެންފައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށެވެ. އެއީ އދ. ދިއްފުށިން ނެވެ.

ޖުމްހޫރީ ކޯލިޝަންގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަދި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް އެންމެ ވޯޓެއް ނުލިބޭ އެއްވެސް ފޮށްޓެއް ނެތެވެ.