10 Sep 2013, 11:14
ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އެ މައްސަލަތަކާ ބެހޭ ލިޔެކިޔުންތަކެއް ކޯޓު މެދުވެރިކޮށް ހޯދުމަށް ޖުމްހޫރީ ގުޅުމުގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން މިއަދު މާފަންނު ކުނޫޒުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އިލްހާމް އަހްމަދު ވިދާޅުވީ ހައިކޯޓަށް މައްސަލަ ހުށަހެޅީ މިއަދު ހެނދުނު 8:00ގައި ކަމަށެވެ.
އިލްހާމް ވިދާޅުވީ ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އިންތިޚާބުގައި ބޭނުންކުރި ބައެއް ލިޔުންތައް ޖުމްހޫރީ ގުޅުމަށް ދޫކޮށްދިނުމަށް ކޯޓުން އަމުރެއް ނެރެދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ވޯޓުގައި ގަވާއިދާ ޚިލާފަށް އެތައް ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި އެ މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ.
އިންތިޚާބުގައި ތިން ވައްތަރެއްގެ ވޯޓު ކަރުދާސް ބޭނުންކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެގޮތުން ބައެއް ވޯޓު ކަރުދާހުގައި ގާސިމްގެ ފޮޓޯ ހުރި އިރު އަނެއްބައި ކަރުދާހުގައި ހުރީ ޖުމްހޫރީ ޕާޓީގެ ލޯގޯ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައެއް ބިދޭސީންގެ އިނގިލީގައި ވޯޓުލިކަމުގެ ނިޝާން އެބަހުރި ކަމަށާއި އެކަން ބެލިބެލުމުން އެމީހުން ވޯޓުލާފައިވާކަން ކަށަވަރު ވެފައިވާ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަރުވެފައިވާ 500 އަށް ވުރެ ގިނަ މަރުވި މީހުން ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނާފައިވާ ކަމަށާއި މީގެ 30 އަހަރު ކުރިން މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިފައިވުމުން އެއީ އޮޅިގެން ކުރެވުނު ކަމެއް ނޫންކަން ދޭހަވާކަމަށެވެ.