މެލޭޝިއާއަކީ ހަލުވިކަމާ އެކު މަތީތައުލީމުގެ ހަބަކަށް ވަމުން އަންނަ ގައުމެކެވެ. އޭޝިއާއާއި އެފްރިކާއާއި މެދުއިރުމަތިން އެގައުމަށް ދަރިވަރުން އަންނަނީ ޖަމާވަމުންނެވެ. ނަމަވެސް ފަހަކަށް އައިސް އެގައުމަށް ކިޔަވަން ދިއުމާއި ކިޔަވަން ތިބުން ވަނީ ދަތިކަމަކަށް ވެފައެވެ.

މެލޭޝިއާ އަށް ކިޔަވަން ދިއުމަށް އަލަށް ވިސާ ހޯދުމާއި ކިޔަވަމުން އަންނަ ކުދިންގެ ވިސާ އާކުރުން މިހާރު ވަނީ ދަތިކަމަކަށް ވެފަ އެވެ.

ވެރިރަށް ކުއާލަލަމްޕޫރުގެ ކައިރީގައިވާ ޕެޓަލިން ޖާޔާގައި ތިބި ބޭރުގެ ބައެއް ދަރިވަރުން ބުނި ކަމަށް މެލޭޝިއާގެ އޮންލައިން ނޫހެއް ކަމަށްވާ ފްރީ މެލޭޝިއާ ޓްޑޭ ޑޮޓްކޮމް އިން ބުނީ ވިސާއާ ކުރުމަށް ވަރަށް ދިގު މުއްދަތެއް ހޭދަވާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު އެކަމަށް ފަސް މަސް ދުވަސް އެކަމަށް ހޭދަވާ ކަމަށް އެކުދިން ނޫހަށް ކިޔައިދީފައިވެ އެވެ.

ސްކޮލަޝިޕެއްގައި ކިޔަވަމުން އަންނަ އޮމާންގެ ދަރިވަރަކު ބުނެފައިވާ ގޮތުގައި ވިސާ އާކުރެވެން ދެން ބައެއް ދަރިވަރުން ކެމްޕަހުން ނުނިކުމެ ތިބެން ޖެއެހެ އެވެ. އެއީ ބޭރަށް ނުކުމެއްޖެ ނަމަ ހައްޔަރުކުރާނެ ކަމުގެ ބިރަށެވެ.

"ވިސާ އާކުރުމުގެ އިންތިޒާރުގައި ތިބެން ފަސް މަސްދުވަހަކީ ދިގު މުއްދަތެއް، އަދި އަހަރެމެން މިތިބެނީ ވެސް ކެމްޕަހުގައި ބަންދުވެފައި، ބޭންކުން ކަމެއް ހައްލުކުރަން ޖެހުނަސް އަހަރެމެން މިތިބެން ޖެހެނީ ނުގޮސް،" އޮމާންގެ އެ ދަރިވަރު ބުނިކަމަށް ނޫހުގައިވެ އެވެ.

އޭނާ ބުނެފައި ވަނީ ޕާސްޕޯޓް އަތުގައި ނެތުމުގެ ސަބަބުން އޭނާގެ ބައެއް އެކުވެރިން ހައްޔަރުވެފައިވާ ކަމަށެވެ.

"ޔުނިވަސިޓީން ދޫކުރާ ވަގުތީ ސިޓީއަކުން ނުފުދޭ" އޭނާ ބުނެފައިވެ އެވެ.

ޔަމަނުން ގޮސް ހުރި ކުއްޖަކު ބުނެފައި ވަނީ މެލޭޝިއާ ފުލުހުން އޭނާ ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ އޭގެ އަނެއް ދުވަހު ޔަމަނު އެމްބަސީގެ އޮފިޝަލުން އޭނާއަށް އެހީތެރިވާން އައުމުން ކަމަށެވެ.

"އަހަރެންގެ ވިސާ އާކޮށްފައިވާ ކަމަށް ބަޔާންކޮށް، ޔުނިވަސިޓީން ދީފައިވާ ލިއުން ދެއްކުމުން ވެސް ފުލުހުން އަހަރެންނާ އަލުން ވާހަކަ ދައްކަން ދެކޮޅު ހެދި، އެމީހުން އަހަރެން ގެންދިޔައީ ސީދާ ފުލުހުންގެ މަރުކަޒަކަށް،" އޭނާ ބުނެފައިވެ އެވެ.

އޭނާގެ ބައެއް އެކުވެރިންގެ ގައިގައި ފުލުހުން ތަޅާފައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އޭނާ އަދި ބުނެފައި ވަނީ މެލޭޝިއާގެ ގިނަ ފުލުހުންނަށް އިނގިރޭސިބަސް ނޭނގޭ ކަމަށާއި ވާހަކަ ދައްކަނީ ބަހާސާ މެލޭސިއާ( މެލޭސިއާގެ ރަސްމީ ބަސް) އިން ކަމަށެވެ. އެހެންވެ ފުލުހުންނާ މުއާމަލާތް ކުރަން ދަތި ކަމަށް ބުނެފައިވެ އެވެ.

މެލޭޝިއާގައި ކިޔަވަމުން އަންނަ ބޭރުގެ ދަރިވަރުންގެ ބޮޑު އަނެއް ހިތްހަމަ ނުޖުހުމަކީ ވިސާ ހޯދުމަށާއި އާކުރުމަށް ދައްކަން ޖެހޭ އަގު އިންތިހާއަށް ބޮޑުވުމެވެ.

އީރާނުން މެލޭސިއާއަށް ގޮސް ހުރި ދަރިވަރަކު ބުނެފައި ވަނީ ވިސާފީއަށް އައި ބޮޑު ބަދަލާ މެދު އޭނާ ހައިރާން ވާ ކަމަށެވެ.

"ކުރިން ނަގަނީ 100 ރިންގެޓް، މިހާރު 1800 ރިންގެޓް އެބަ ދައްކަން ޖެހޭ،" އޭނާ ބުނެފައިވެ އެވެ.
ކިޔަވާކުދިންގެ ވިސާ ދޫކުރާ ހަމަ އެކަނި އެޖެންސީއަކީ "ދަ އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސަސް" (އީއެމްޖީއެސް) ކަމުގައި އެގައުމުގެ ސަރުކާރުން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަޖައްސާފައެވެ.

އެހެން އެކަން ހަމަޖެއްސުމުގެ ކުރިން ދަރިވަރުންގެ ވިސާ ފީ ހުރީ 75 ރިންގެޓާއި 125 ރިންގެޓާ ދެމެދުގައި ކަމަށް ސަންވޭ ޔުނިވަސިޓީގެ އިންޓަނޭޝަނަލް އޮފީސް މެނޭޖަރް ލަމް ޕޭ ވާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

"މިހާރު ފީ ވަނީ އެތައް ފަހަރަކު ބޮޑުވެފައި، އެއީ އެންމެ ކުންފުންޏަކާ އެކަން ހަވާލުކުރީމާ،" އޭނާ ވިދާޅުވެފައިވެ އެވެ.

ނަމަވެސް ޓްރެވެލް ޑޮކިއުމެންޓެއް ނެތިގެން ދަރިވަރަކު ހައްޔަރު ކުރި ކަމުގެ ޝަކުވާއެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"އެކަމަކު 24 ގަޑި އިރު ހިދުމަތްދޭ ސްޓޫޑެންޓް ވެލްފެއާ ހޮޓްލައިން އެއް އަހަރެމެންގެ އޮވޭ، އިމަޖެންސީ އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ ކޮންމެ ވަގުތަކު ވެސް އެކުދިންނަށް އަހަރެމެންނާ ގުޅޭނެ،" އޭނާ ވިދާޅުވެފައިވެ އެވެ.

ބޭރުގެ ދަރިވަރުންނަށް މެލޭޝިއާގެ އިދާރާތަކުން ދަތި އުނދަގުލާ ކުރިމަތިވާ ކަމަށް ޓެއިލާސް ޔުނިވަސިޓީގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރް އަޒުރާ އަބުދުﷲ ވެސް ދެކޮޅު ހައްދަވަ އެވެ.

"އިންޓަނޭޝަނަލް ދަރިވަރުންގެ ފަރާތުން އަހަރެމެންނަށް އެއްވެސް ޝަކުވާއެއް ނުލިބޭ، އެކަމަކު އެމީހުން އަތުވެއްޖެ ނަމަ އަހަރެމެން އެހީތެރިވާނަން،" އަޒުރާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ދެޔުނިވަސިޓީން އެކަން ދޮގު ކުރެ އެވެ. އެހެން ނަމަވެސް މެލޭޝިއާ އިން ކުރިމަތިވި މިފަދަ އެތައް ކަމެއް ދިވެހި ދަރިވަރުން ވެސް ވަނީ ކިޔައި ދީފަ އެވެ. އެގައުމުގައި ބޭރުގެ ދަރިވަރުންނަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. ދަރިވަރުން ތިބީ ހަތަރު އަނގޮޅިއެއްގަ އެވެ. ދާންވީ ދިމާއެއް ނޭނގިފަ އެވެ.