22 Nov 2010, 05:59
ހާލުގައި ޖެހުނު ފުވައްމުލަކު ނޫމަސް ދޯންޏަށް އެހީ ނުވި ކަމަށް ބުނެ، އެ ރަށުގެ ދެ ދޯންޏެއްގެ ދެ ކެޔޮޅަކު ފުލުހުން ހައްޔަރު ކުރުމުން ކޯޓް އަމުރަށް އެ މީހުން ދޫކޮށްލައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ބޮޑު ކަންނެއްޔަށް ނުކުމެ އުޅުނު ނޫމަސް ދޯނި އިންޖީނު ހުއްޓި ހާލުގައި ޖެހުނު ވަގުތު އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށް ބުނެ، އެ ރަށު ނަފާ2 ދޯނީގެ ކެޔޮޅާއި ރާސްތާ ދޯނީގެ ކެޔޮޅު ފުލުހުން ވަނީ އިއްޔެ މެންދުރު ފަހު ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ ދެ ކެޔޮޅުންގެ ތަހުގީގުތައް ކުރިއަށް ގެންދިޔުމަށް ފަހު، ކޯޓްގެ އަމުރެއްގެ ދަށުން އެ ދެ މީހުން ދޫކޮށްލައިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން ވެސް ވަނީ އެ ކަން ސަން އޮންލައިނަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ދެ ދޯނީގެ ކެޕްޓަނުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ނޫމަސް ދޯނި މަހަށް ނުކުމެ އުޅެނިކޮށް ހާލުގައި ޖެހިފައިވާ ކަން އެ ދެ ދޯންޏަށް އެނގުނު ހިނދު ވެސް އެހީވެފައި ނުވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ.
"ފުލުހުންގެ ތަހުގީގަށް އެ ދެ ދޯނީގެ ކެޕްޓަނުން އިއްޔެ ހައްޔަރު ކުރިން. އެ ކަމަކު ރޭ ކޯޓް އަމުރަށް އެ ދެ މީހުން ވެސް ވަނީ ދޫކޮށްލާފައި."
ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނޫމަސް ދޯނި ހާލުގައި ޖެހި، ހަން ޖަހާފައިވާ މަންޒަރު އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ދެ ދޯންޏަށް ފެނުނު ކަމަށް ނޫމަސް ދޯނީގެ މީހުން ތަހުގީގުގައި ކިޔައިދީފައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ނޫމަސް ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ އެ ރަށާ 85 މޭލު އިރުން ފުވައްމުލަކު ދޯންޏަކަށެވެ. އަދި ނޫމަސް ދޯނި ކަފުޖަހައިގެން ފުވައްމުލަކަށް ގެނެސްފައި ވަނީ އިއްޔެ މެންދުރު ފަހު އެވެ.