ވޮޝިންޓަން (ސެޕްޓެމްބަރު 10): ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް، އދ.ގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރުމަށް ރަޝިޔާހުށަހެޅި ހުށަހެޅުމަށް ސޫރިޔާ މަރްޙަބާ ކިޔުމުންސޫރިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ކަންތައް މަޑުޖައްސާލުމާ މެދު ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ. ނަމަވެސް އޮބާމާ ވިދާޅުވީ ސޫރިޔާ އިން ކެމިކަލް ހަތިޔާރު ދޫކޮށްލަފާނެ ކަމަށް ގަބޫލުކުރަން ދަތިކަމުގަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އާއި އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ވިދާޅުވީ ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް، އދ.ގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރުމަށް ތާއީދުކުރާކަން ސޫރިޔާ ހާމަކުރުމަކީ ރަނގަނޅު ކަމެއް ކަމުގައެވެ. ނަމަވެސްސޫރިޔާ ސިފައިން ދިންކަމަށް ބުނާ ކެމިކަލް ހަމަލާއާ ގުޅިގެން އެގައުމާ ދެކޮޅަށް އެމެރިކާ ދޭންރާވާފައިވާ ޙަމަލާ ހުއްޓާލުމުގެ ވިސްނުމެއްނެތް ކަމަށް ކެރީ ވިދާޅުވި އެވެ.

ސޫރިޔާގެ ކެމިކަލް ހަތިޔާރުގެ ސްޓޮކް، އދ.ގެ ޖަމްޢިއްޔާ، އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސްގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު މިހަތިޔާރު މަނާކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ސޫރިޔާ ބައިވެރިވުމަށް ސޫރިޔާ ސަރުކާރަށް ގޮވާލާފަ އެވެ. މިގޮވާލުމަށް އުސޫލެއްގެ ގޮތުން ތާއީދުކުރާކަމާއި މިކަމަށް އެއްބާރުލުން ދޭން ތައްޔާރަށް އޮތްކަން ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމް ވަނީ ހާމަކުރައްވާފަ އެވެ.

ސޫރިޔާގެ ދިމިޝްޤުގެ ޣޫތާ ސަރަހައްދަށް އެގައުމުގެ ސިފައިން ދިންކަމަށް ބުނާ ހަމަލާގައި 1420އަށްވުރެ ގިނަމީހުން މަރުވި ކަމަށްއެގައުމުގެ އިދިކޮޅު ފަރާތްތަކުން ބުނާއިރު ރައީސް ބައްޝާރުލްއަސަދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މިފަދަ ޙަމަލާއެއް ދީފައިނުވާނެ ކަމުގަ އެވެ. އަނެއްކޮޅުން ކެމިކަލް ހަތިޔާރުގެ މައްސަލާގައި ސޫރިޔާ އަށް ދިނުމަށް އެމެރިކާ ރާވަމުންދަނީ ވަރަށް ވަރުގަދަ އެހެންނަމަވެސް "ލިމިޓެޑް" ޙަމަލާތަކެއް ކަމަށާ މިޙަމަލާތަކުގެ އަމާޒަކީ ސޫރިޔާގެ ވައިގެ ދިފާޢުތައް ހަލާކުކޮށް ބެލަސްޓިކް މިސައިލްގެ ނިޒާމްތައް ފުނޑުފުނޑުކޮށްލުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)