10 Sep 2013, 09:34
ކުރީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި އެނެއް ތިން ރިޔާސީ ކެންޑިޑޭޓުން އިންތިހާބަށް ނުކުމެވަޑައިގެންނެވީ ކޯލިޝަނަކާ އެކު އެވެ. ޕާޓީތަކާ އެކު ފުޅާ ކޯލިޝަންތައް ހައްދަވައި ޖުމްހޫރީ ގުޅުންތަކެއް ހެއްދެވި އެވެ. ޕީޕީއެމާއި އެމްޑީއޭ ކޯލިޝަން ހެދި އިރު ޖުމްހޫރީ ޕާޓީން ތިން ޕާޓީއަކާ އެކު އިންތިހާބަށް ތާއިދު ހޯދުމަށް އެއްބަސްވުންތަކަށްއަ އެވެ. ގައުމީ މަސްލަހަތު އިސްކުރައްވާ ކަމަށް ވިދާޅުވެ، ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރައީސް ވަހީދުގެ ފަހަތްޕުޅަށް ވަޑައިގެންނެވި އެވެ.
ނަމަވެސް ގިނިކަންޏާ އިންތިހާބަށް ނުކުންނެވި ނަޝީދު ހީނުކުރާވަރުގެ ނަތީޖާއެއް ހޯއްދެވި އެވެ. އެއްބުރުން ނަޝީދު ގިނަ ވޯޓު ހޯއްދަވައި ދެވަނަ ބުރަށް ކުރިއަށްދާން ތައްޔާރުވެވަޑައިގެންފި އެވެ. ނަޝީދަށް 95224 ވޯޓް ފުރަތަމަ ބުރުން ވަނީ ލިބިވަޑައިގެންނެވި އެވެ. ނަޝީދާ އެންމެ ކައިރިން ވާދަކުރެއްވި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް ޔާމީނަށް ފުރަތަމަ ބުރުން ލިބިވަޑައިގަތީ 53009 ވޯޓެވެ. އިންތިހާބްގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް އަށް 50422 ވޯޓް ލިބިވަޑައިގެންނެވި އިރު ވަހީދަށް ލިބިވަޑައިގެންފައިވަނީ 10750 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަޝީދަށް އިންތިހާބުގެ 45 ޕަސެންޓް ލިބިވަޑައިގެންނެވި އިރު ފުރަތަމަ ބުރުން ޔާމީނަށް ލިބިވަޑައިގެންފައި ވަނީ އިންތިހާބްގެ 25 ޕަސެންޓެވެ. މި ނަތީޖާއާ އެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް މިހާރު މިވަނީ ޔަގީން ކުރެވިފަ އެވެ.
ރިޔާސީ އިންތިހާބު އޮތީ އެމްޑީޕީގެ "އަންބޮޑީގައި" ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކެންޕެއިން ކުރެއްވުމަށް ފަހު "އެއްބުރުން'" އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ނުކުރެވުމާ ގުޅިގެން ނަޝީދު ވިދާޅުވީ އިންތިހާބްގެ ދެވަނަ ބުރު އެންޑީޕީ އަށް ދެވަނަ ބުރު ކާމިޔާބުވާނެ ކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. އަދި ދެވަނަ ބުރުގައި އެމަނިކުފާނަށް ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ އިތުރުން ރައީސް މައުމޫންގެ އާއިލާގެ ބޭފުޅުން ވެސް ތާއީދު ކުރައްވާނެ ކަމަށް ނަޝީދު ރިޔާސީ އިންތިހާބަށް ފަހު ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބްގައި ދެވަނަ ބުރަކަށް އެމްޑީޕީން މިހާރު ވެސް ވަނީ ރަސްމީކޮށް ކެންޕެއިން ވެސް ފަށައިފަ އެވެ. ނަމަވެސް ޕީޕީއެމް އަދި ފެންނަނީ ދެވަނަ ބުރަށް ކެމްޕެއިން ފެށުމުގެ ކުރިން އެހެން ޕާޓީތަކާ ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުން ގެންދާ ތަނެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ޕާޓީތަކަށް ކެމްޕެއިން ކުރުމަށް ލިބޭނީ 21 ދުވަހެވެ. ދެ ވަނަ ބުރު ކާމިޔާބު ކުރުމަށް ޓަކައި ޕީޕީއެމުން ގަދައަޅައި މަސައްކަތް ކުރަން ޖެހެ އެވެ. އިންތިހާބްގައި ވާދަކުރި އެހެން ޕާޓީތަކާ މަޝްވާރާކޮށް ޕާޓީތަކުގެ އެއްބާރުލުން ހޯދަން ޖެހެ އެވެ. އޭގެ ތެރެއިން ވަކިން ހާއްސަކޮށް ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ ތާއީދު ލިބުން ލާޒިމެވެ. އަދި ޑީއާރްޕީއާއި ގައުމީ ޕާޓީގެ ރުހުން ވެސް އެކަމަށް ކިތަންމެހާ ވެސް ބޭނުމެވެ.
ކޯލިޝަނަކަށް ދިއުމަށް ޕީޕީއެމުން އޮތީ ފެންބޮވަޑައިގެންފަ އެވެ. ވަގުތީ ނަތީއްޖާ އެނގުމާ އެކު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް މުހައްމަދު ވަހީދާ ބައްދަލު ކުރެއްވި އެވެ. ކޯލިޝަންގެ ދައުވަދު ދެއްވުމަށެވެ. ފާޅުގައި ޕީޕީއެމުން ވަނީ ދެވަނަ ބުރަކަށް ކޯލިޝަން ހަދަން ބޭނުންވާ ޕަރާތްތަކަށް ފުރުސަތު ހުޅުވާލައިފަ އެވެ.
ރިޔާސީ އިންތިހާބަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުން ޕީޕީއެމް އަށް ކާމިޔާބު ނުކުރެވުނީ ނަޝީދާ ދެކޮޅު ފިކުރުގެ ގޮތުގައި ތިން ބޭފުޅަކު ވާދަކުރެއްވުމުން ވޯޓުތައް ބައިބައިވުމުން ކަމަށެވެ. އެހެން ނޫން ނަމަ ފުރަތަމަ ބުރުން ޕީޕީއެމުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބްގެ ދެ ވަނަ ބުރު ކާމިޔާބު ކުރައްވުމަށް ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީ އާއި ރައީސް ވަހީދާ ވާހަކަ ދައްކަވަމުން އަންނަ ކަމަށާއި ރައީސް ވަހީދުގެ ފުރިހަމަ ސަޕޯޓް ދެއްވާނެ ކަމުގެ އިޝާރާތް ޔާމީން ވަނީ ކުރައްވާފަ އެވެ.
ޕީޕީއެމްއާ އެކު ކޯލިޝަނަކަށް ދާނެ ކަމުގެ އިޝާރާތެއް އަދާލަތުން ވަނީކޮށްފަ އެވެ. ޖުމްހޫރީ ޕާޓީގެ މައި ޖަހަގަ މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް އަޔަނުދިނުމަށް ޕީޕީމާއެކު ދާންޖެހިއްޖެ ނަމަ އަދާލަތުން އެކަން ކުރަން ތައްޔާރަށް ތިބި ކަމަށެވެ.
އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު ވިދާޅުވީ އަދާލަތު ޕާޓީގެ ވެސް ޕީޕީއެމްގެ ވެސް އެޕާޓީއާ އެކު އަދާލަތުން ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން އެބައޮތް ކަމަށާއި ނަމަވެސް އެކަމާ ބެހޭ ގޮތުން ރަސްމީކޮށް ގޮތެއް ނިންމާނީ އެ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ.
"ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ކޯލިޝަން ހެދުމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ. ކޯލިޝަން ހެދުމަށް ޕާޓީން ބޭނުންނުވި ނަމަވެސް އަޅުގަނޑުމެން ސައިލެންޓްކޮށް ތިބެން ޖެހުނަސް އެމްޑީޕީއާ އެކު ކޯލިޝަން ނުހަދާނެ،" އަލީ ޒާހިރު ވިދާޅުވި އެވެ.
ޕީޕީއެމާ ކޯލިޝަން ހެދުމަށް ދެކޮޅު ހެދުން އެންމެ ގާތީ ޕީޕީއެމް އުފަންކުރުވަން މެދުވެރިވި، އެ ޕާޓީގެ މަންމަ ރައީސް މައުމޫންގެ ފުރަތަމަ އުފެއްދެވި ޑީއާރްޕީ އެވެ. ޑީއާރްޕީން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީ "ފުޑާލަން" ކުރި ހުރިހާ ކަމެއް ކުރީ ޕީޕީއެމްގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުންނެވެ. ނަމަވެސް މާޒީ ހަނދާން ނައްތާލައި ގައުމުގެ މަސްލަހަތަށް ކުރަންޖެހިއްޖެ ކޮންމެ ކަމެއް ޑީއާރްޕީން ކުރާނެ ކަމަށް އެ ޕާޓީގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވި އެވެ. އަދި އެކަން ކުރާނީ ރިޔާސީ އިންތިހާބުގައި "ގައުމު ބޭނުންވީ" ކޮން ގޮތެއްތޯ ބެލުމަށްފަހުގައި ކަމަށް ޑިއާރްޕީގެ އޮފިޝަލު ވިދާޅުވި އެވެ.
ދެން އޮތީ ޖުމްހޫރީ ޕާޓީ އެވެ. ގާސިމްގެ ލީޑާޝިޕުގައި އޮތް ޖުމްހޫރީ ޕާޓީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ކުރާ ދައުވާ ކާމިޔާބު ނުވެއްޖެ ނަމަ ގާސިމަށް ޕީޕީއެމް ފިޔަވައި އިތުރު ޗޮއިސްއެއް ނެވެ. އެއީ ނަޝީދު ވެރިކަމަށް ވަޑައިގެންފި ނަމަ ގާސިމަށް ދައްކާލާނެ "ހަޓުކާ" އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތީ އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ ކެންޕެއިންގައި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ދެމެދުގައި ވެސް ސިޔާސީ ގޮތުން ބޮޑެތި ކޯޅުންތަކެއް ވަނީ ހިނގާފަ އެވެ. އެހެން ކަމުގައިވާ އިރު މިހުރިހާ ޕާޓީތަކުން އެއް ގަލަކަށް އަރާފާނެ ކަމާ މެދު ގިނަ ބަޔަކު މިހާރު ވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ.
އަނެއް ކޮޅުން އިންތިހާބްގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އިންތިހާބްގެ ނަތީޖާ ގަބޫލް ނުކުރައްވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށް މިހާރު ވަނީ ނިންމަވައިފަ އެވެ. ގާސީމް ވިދާޅުވީ ކޯލިޝަންގެ ވާހަކަދައްކަ ވާނީ ފަހުން ކަމަށެވެ. އެހެން ކަމުގައިވާ އިރު ޖޭޕީން ކޯލިޝަން ހެދުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުކުރުމަށް ޕީޕީއެމާއި، ޑީއާރުޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ގައުމީ ޕާޓީން އެއް ގަލަކަށް އެރި އެވެ. ވަތަން އެދެނީ އެބޭފުޅުނަށް ކަމަށް އޭރު ވިދާޅުވި އެވެ. އެގޮތުން ވެރިކަން ބަދަލުވުމަށް ފަހު ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް ނަޝީދުގެ ސަރުކާރުގެ ނައިބް ރައީސް ވަހީދާ އެކު އެކުލަވައިލި އެވެ. އެހެން ކަމުގައިވާ ނަމަވެސް އަދިވެސް އެމަގުން އެޕާޓީތައް ހިނގުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ. ސުވާލަކީ އެ ކޯލިޝަންގެ ސަޕޯޓަރުން ވެސް އެގޮތުގައި ތިބެދާނެ ބާ އެވެ.
ރިޔާސީ އިންތިހާބްގެ ދެވަނަ ބުރު އެ ޕާޓީތަކަށް ކާމިޔާބު ކުރެވެން އޮތީ ހުރިހާ ޕާޓީތައް އެކުލެވޭ ކޯލިޝަން ހަދައިގެންނެވެ. ކޯލިޝަނެއް ހެދުމަށް ޕީޕީއެމަށް މިވަގުތު ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ހެދި ބޮޑު ކޯލިޝަން އަލުން އެއްގަލަކަށް އަރައިގެން ނޫނީ އެމްޑީޕީގެ މައްޗަށް ކުރި ނުހޯދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ. "ބޮޑު ކޯލިޝަން" އެމްޑީޕީގެ މައްޗަށް ކުރި ހޯދުމަކީ ވެދާނެ ކަމެއް ކަމުގައި ގަބޫލް ކުރާ ބަޔަކު ވެސް އެބަ ތިއްބެވެ. އެހެނީ ރާއްޖޭގެ ދެ ސަރަހައްދެއް ފިޔަވައި އެމްޑީޕީ އަށް މެޖޯރިޓީ ލިބިފައި ނުވާތީ އެވެ.