10 Sep 2013, 09:03
އެކުދިންނަކީ މީގެ ކުރިން ސަކަ މިޒާޖާ ކުޅިވަރާއި މަޒަލުގައި ވަގުތު ހޭދަކުރަމުންދިޔަ ކުދިނެވެ. ކިޔަވާ ވަގުތު ފިޔަވައި ގިނަ ވަގުތު ހޭދަކުރަމުން އައީ ހިޔާލެއް ފިކުރެއް ނެތި މަގުތައް މަތީ ކުޅެ، ސަކަރާތް ޖެހުމުގަ އެވެ.
އުމުރުން ޅަވީމާ މާ ބޮޑު ފިކުރެއް އެކުދިންގެ ނެތް އެކުދިން ދަނީ އަދު ދަނީ ދުވަހަކު ވެސް އުންމީދެއް ނުކުރާ ފަދަ ބިރުވެރި ދުވަސްތަކެއް ގުނަމުންނެވެ. ހާއްސަކޮށް ކޮންމެ ރެއަކު ދެ ނަމާދު ދޭތެރެއަކީ އެކުދިން ބޮޑުބިރަކާއި ވޭންތަކެއް ތަހަށްމަލް ކުރަމުންދާ ވަގުތެކެވެ.
"ކޮންމެ ރެއަކު ދެ ނަމާދު ދޭތެރޭގައި އެހެން ވަނީ، އެކުދިންނަށް ފެންނަ ކަމަށް ބުނޭ މަރުވެފަ ތިބޭ މީހުން ވެސް، އަދި އާއިލާ މީހުން ވެސް، އަދި މޫނު ނުފެންނަ އަންހެނަކު ފެނެޔޯ، އެއީ ކާކުތޯ އަހާއިރަށް ކޮންމެ ކުއްޖަކު ވެސް އަމިއްލަ އަށް ކަރުގަ އަތް އަޅަނީ،" ބިރުވެރިކަން ދެކެފައިވާ ކުއްޖެއްގެ ބޭބެ ބުންޏެވެ.
ހއ. ތަކަންދޫގެ ހަތަރު ކުދިންނަށް އެބިރުވެރިކަން ކުރިމަތިވާން ފެށީ އެކި ދުވަސްމަތިން އެކިއެކި ކުދިންނަށެވެ. އެގޮތުން ފުރަތަމަ އެ ބިރުވެރިކަމާއި ކުރިމަތިވީ މީގެ ދެ މަހެއް ކުރިން އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށެވެ. އެގޭ ފަހުން އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށާއި އޭނާއާ އެއްބަނޑު އެއްބަފައި 12 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 11 އަހަރުގެ އަންހެން ކުއްޖަކު މިހާރު ދަނީ އެބިރުވެރިކަން ތަހައްމަލު ކުރަމުންނެވެ. އެ ހަތަރު ކުދިންނަކީ ވެސް ތަކަންދޫ ސުކޫލު، މަދަރުސަތުލް ސަހީދު އަލީ ތަކުރުފާނު(އެމްއެސްއޭޓީ)ގައި ކިޔަވަމުން އަންނަ ހަތަރު ކުދިންނެވެ.
އެ ހަތަރު ކުދިންގެ ވެސް ކޮންމެ ރެއަކު ދެ ނަމާދު ދޭތެރޭގައި އަތްފައި ބުޅިވެ، އާދަޔާއި ހިލާފު ބާރެއް ގަޔަތް އަރަ އެވެ. އަދި މަރުވެފައިވާ އެމީހުންގެ އާއިލާ މެމްބަރުން ފެންނަ ވާހަކަ ރޮއެރޮއެފައި ކިޔައިދަ އެވެ. އަދި ބިރުވެރިކަމާ އެކު އެހެން މީހަކު ވެސް ފެންނަ ކަމަށް ބުނެ އެވެ. އެއީ ކާކުތޯ ސުވާލުކުރާ ކޮންމެވަގުތަކު އެކުދިން އަމިއްލައަށް ކަރުގައި އަތް އަޅަނީ އެވެ. ދެން ފަހު ޖަވާބެއް ނުދެ އެވެ. އަދި އެ ކުދިންނަށް އެވާ އުނދަގޫތަކުން ސަލާމަތް ކުރެވެނީ ލައްކަ ކިޔެވެލި ކިޔަވައިގެނެވެ.
ތަކަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ޝަހީދު ވިދާޅުވީ ސިހުރު ކަމަށް ބެލެވޭ ކަމެއް އެ ރަށު ސްކޫލުގައި ތައުލީމް ހާސިލް ކުރާ ހަތަރު ކުދިންނަށް ދިމާވެގެން އުޅޭ ކަމަށެވެ. އަދި އެ ހަތަރު ކުދިންނަށް ވެސް ވަނީ ގާތްގަނޑަކަށް އެއްގޮތްތަކެއް ކަމަށާއި އެކުދިން "ޖިންނި މޮޔަވެގެން" އުޅޭ މީހުން އުޅޭހެން އުޅޭ ކަމަށެވެ.
"އެކުދިން އުޅެމުންދަނީ ބިރުވެރިގޮތަކަށް، ހަޅޭއް ފަޅޭއްލަވާ، އާއިލާތަކާއި މުޅި ރަށުތެރޭގައި ވަނީ ބިރުވެރިކަމެއް އުފެދިފަ، ކިޔަވާ ކުދިންނާއި ބެލެނިވެރިންނަށް ދަނީ ނަފްސާނީ ގޮތުން ގެއްލުން ލިބެމުން،" ޝަހީދު ވިދާޅުވި އެވެ. "ފަންޑިތަ ހަދާ މީހުން ވެސް އެބަބުނޭ އެއީ ސިހުރުހާހޫރައިގެ ކަމެކޭ، އެއެއްޗެއް ސްކޫލްގެ ގޯތި ތެރޭގައި ވަޅުލައިފައި އޮތް ކަމަށް ވެސް އެބަބުނޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަންކަން ހައްލުކޮށް "ރުޤުޔާ" ކުރާ މީހެއްގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ބެލި މީހުން ސިހުރުގެކަމެއް ކަމެއް ސުކޫލުގައި ހުރިކަމަށް ބުނާ ކަމަށް މައުލޫމާތް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.
ތަކަންދޫ ހަތަރު ކުދިންނަށް ދިމާވެގެން އުޅޭ އެ ކަންތައް ގަނޑަކީ ސްކޫލްގެ ގޯތި ތެރޭގައި ވަޅުލައިފައި އޮތް ސިހުރެއްގެ ސަބަބުން ވާ ކަމެއް ކަން ނުވަތަ ބަދަލު ހިފާން، ޖިންނީން ކުރާ ކަމެއްގެ ސަބަބުންވާ ކަމެއް ކަން އެކަކަށް ވެސް ބުނާކަށް ނޭނގެ އެވެ. ނަމަވެސް އެއީ ސިހުރު ހާހޫރައިގެ ކަމެއްގެ ސަބަބުން ދިމާވެގެން އުޅޭ "ޖިންނި މޮޔަވުމުގެ" ކަމެއްގެ ގޮތުގައި އެރަށު ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ތަކަންދޫ ހަތަރު ކުދިންނަށް ވަނީ އެއް ގޮތްތަކެއްކަމުން އެކަމުގައި ގޮތް ނޭންގޭ ބޮޑު ކަންތައްގަނޑެއް ހިނގާކަމަށް ބެލެވެ އެވެ. އެނގޭހާ ވެސް ކަމަކީ ތަކަންދޫ ސްކޫލުގެ ދަރިވަރުންނަށް ދިމާވެގެން އުޅެނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައި އުކުޅަހު ސުކޫލުގެ ދަރިވަރުންނާއި މީގެ އަހަރުތަކެއް ކުރިން ހދ. މަކުނުދޫ އާއި ނ. މިލަދޫ ސްކޫލްގެ ކުދީންތަކަކަށް ވެސް ދިމާވެގެން އުޅުނު ފަދަ "ސިހުރު"ގެ ކަންތައްގަނޑެއް ކަމެވެ.
ތަކަންދޫ ސުކޫލު ހިންގުމާއި މިހާރު ހަވާލުހުންނެވި އަލީ މުހައްމަދު ވެސް ވަނީ އެކަހަލަ ބިރުވެރި ކަންތައްތަކެއް ހިނގާކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު ތަފްސީލެއް އޭނާގެ ނުދެއްވަ އެވެ.
އެ މައްސަލަ ހައްލުވޭތޯ ތަކަންދޫ ސުކޫލަށް ފެންއަޅާ ކިޔަމުންގެންދާތާ މިހާރު ދެތިން ހަފްތާ ވެއްޖެ އެވެ. އަދި އެކަމަށް ހައްލެއް ނުލިބުމުން އިއްޔެ ވަނީ ރަނގަޅު ފެންވަރެއްގައި ރުޤުޔާ ކުރާ މީހަކު އަތޮޅުގެ އެހެން ރަށަކުން ގެނެސް ހަތަރު ކުދިން ސުކޫލުގައި ބައިތިއްބައިގެން ކިޔަވައިފަ އެވެ. އިއްޔެ ނޫން އިހަށް ދުވަހު ހަވީރު އެކުދިން ސުކޫލުގައި ބައިތިއްބައިގެން ކިޔަވަން ފެށުމާ އެކު އެހަތަރު ކުދިން ވަނީ ބާރު ބާރަށް ހަޅޭލައްވާ ރޮއެ ހަދާފަ އެވެ. އަދި ފަސް ފިރިހެނުންނަށް ނުހިފެއްޓޭވަރަށް އެކުދިން ތެޅެމުންދިޔަ އެވެ. ދޮޅު ގަޑިއިރު ކިޔެވުމަށް ފަހު އެކުދިން ގެއަށް ދޫކޮށްލީ އެކަން ހައްލުކުރުމަށް އަލުން ކިޔެވުމަށް ނިންމާފަ އެވެ. އެކަމުގެ ހަގީގަތެއް އަދި ބުނާކަށް އެކަކަށްވެސް ނޭނގެ އެވެ.
އެކަމާ ގުޅިގެން ތަކަންދޫ ރައްޔިތުންގެ ތެރޭގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު ދާދިފަހަކުން ރޭ ގަނޑު ވަރަށް ދަންވާފަހުން އެރަށު މެދު އުމުރުގެ އަންހެނަކު ރަށުގެ އެކި ތަންތަނުން ފެންނަކަމަށް ވާހަކަ ދެކެވެ އެވެ. ނަމަވެސް އެއީ ތެދެއް ކަމެއް ނޭނގެ އެވެ.
ތާރީހަށް ބަލާއިރު ތަކަންދޫއަކީ ސިހުރުގެ ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބެލެވޭ ރަށެކެވެ. އެގޮތުން އެރަށު ސްކޫލު ކުދިންތަކަކަށް މީގެ ނުވަ ވަރަކަށް އަހަރު ކުރިން ޖިންނި މޮޔަވުމުގެ ކަންތައްތަކަކާއި ސިހުރު ޖެހިގެން އެރަށުގެ ގިނަ ބަޔަކު މަރުވެފައިވާ ކަމަށް އެރަށު ދުވަސްވީ ބައެއް މީހުން ބުންޏެވެ. އަދި އެރަށުން ސިހުރު ޖެހުނު މީހުންގެ ތެރެއިން އެތައް ބަޔަކު ސަލާމަތްވެފައިވާ ކަމަށް ވެސް ރަށު މީހުން ބުނެ އެވެ.