10 Sep 2013, 01:36
ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި މިރޭ ރާއްޖެއާ އިންޑިއާ ކުޅުނު މެޗުގައި އިންޑިއާ ކުޅުންތެރިން މަސައްކަތް ކުރީ ރާއްޖޭ ކުޅުންތެރިންގެ ދުވަސް ދުއްވާލަން ކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފި އެވެ.
ސެމީ ފައިނަލްގައި އިންޑިއާ އަތުން މިރޭ ރާއްޖެ 1-0 އިން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ބުނީ މެޗުގައި ބޯޅައާ ކުޅުމުގެ ބަދަލުގައި އިންޑިއާ ކުޅުންތެރިން ބެލީ ރާއްޖޭ ކުޅުންތެރިންނަށް ހަމަލާދެވޭތޯ ކަމަށެވެ.
"ޕެނަލްޓީގެ ވާހަކަ އިހަށް ބާއްވަމާ ހިނގާ. ޖުމުލަކޮށް މެޗަށް ބަލާއިރު ފުރަތަމަ 40 ވަރަކަށް މިނިޓުގައި އިންޑިއާ ކުޅުންތެރިން ބެލީ ރާއްޖޭ ކުޅުންތެރިން ދުއްވާލަން. މެޗުގެ ފުރަތަމަ ކޮޅުގައި އިންޑިއާ ކުޅުންތެރިއަކު އިމްރާނަށް ކުރި ޓެކްލަކީ ވަރަށް ނުރަށްކާތެރި ހަމަލާއެއް. އެ ކުޅުންތެރިޔާ ބޯޅައަށް ބަލައިވެސް ނުލާ ގޮސް އިމްރާނަށް ހަމަލާ ދިނީ. އެމީހުން ބޭނުންވީ ރާއްޖޭ ކުޅުންތެރިން ރުޅި އަރުވައިގެން ފައުލު ކުރުވަން،" އުރުބާނީ ބުންޏެވެ. "އެމީހުން ގެންދިޔައީ އިރުއިރު ކޮޅުން ޓެކްލް ކުރަމުން. އެކަމަކު ރެފްރީއަށް އެތަންތަނެއް ނުފެނޭ. ދެން މެޗު ނިމެން ކައިރިވެފައި ވަނިކޮށް ސެންޓޭ އަށް ވަނީ އެއްވެސް ކަމަކާ ނުލައި ރީނދޫ ކާޑެއް ދައްކާފައި."
ކޯޗު ބުނީ، މިރޭގެ މެޗުގައި ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގަށް އިންޑިއާ ކީޕަރު ކުރި ފައުލަކީ ސީދާ ޕެނަލްޓީއެއް ކަމަށެވެ.
"އެއީ ހަމަ ސީދާ ޕެނަލްޓީއެއް. ކޮންމެ ގޮތެއް ވިޔަސް އަހަރެން ބުނާނީ އެއީ ޕެނަލްޓީއެކޭ. މެޗު ލައިވްކޮށް ބެލިނަމަ އެނގޭނެ އެއީ ޕެނަލްޓީއެއްކަން. އަޝްފާގު ބޯޅަ ހޯދީ ރަނގަޅު ވަގުތުގައި އަދި އޭނާ ބޯޅައިގައި ރަނގަޅު ވަގުތު ފައިޖެއްސި. ގޯލްކީޕަރު ބޭނުންވީ އަގޮތަށް އައިސް ދަގޭ ހުއްޓުވަން،" އުރުބާނީ ބުންޏެވެ. "ޕެނަލްޓީއެއް ދޭން ޖެހޭނީ ކޮންމެހެން އަޝްފާގުގެ ފައި ބިންދާލީމަކާ ނޫން. އާދަޔާ ހިލާފް ގޮތަކަށް އަޝްފާގު ހިފަހައްޓަން ކީޕަރު މަސައްކަތް ކޮށްފިއްޔާ އެ ވާނީ ފައުލަކަށް. އެއަށް ކިޔަނީ ޕެނަލްޓީ."
ގައުމީ ޓީމުގެ ހަންގޭރީ ކޯޗު ބުނީ މިރޭގެ މެޗު އިންޑިއާ ކޮޅަށް އެނބުރެން ދިމާވީ ވެސް ރާއްޖޭ ޓީމަށް އެ ޕެންލަޓީ ނުދިނުން ކަމަށެވެ.
"ނަފްސާނީ ގޮތުން ބަލާނަމަ އެ ޕެނަލްޓީ ނުދިން ހިސާބުން ފެށިގެން މެޗު އިންޑިއާ ކޮޅަށް އެނބުރުނީއޭ ބުނެވިދާނެ. އެކަމަކު އިންޑިއާ ކަހަލަ ސެޓް ޕީސްތަކަށް ސަމާލުކަން ދީގެން ކުޅޭ ޓީމަކާ ދެކޮޅަށް ކުޅޭއިރު، ހެދޭ ކުޑަކުޑަ ގޯހަކުންވެސް ބޮނޑީ ލިބިދާނެ،" އުރުބާނީ ބުންޏެވެ.
ކޯޗު ބުނީ، ރާއްޖޭ ޓީމުންވެސް ޕްލޭން ތަކެއް ހުރި ކަމަށާއި އަދި މެޗުގައި އޭގެ ބޭނުން ހިފުނު ކަމަށެވެ. އަދި އެންމެ ހިތްހަމަ ޖެހޭ ކަމަކީ މެޗުގެ ފަހު ވަގުތުގައިވެސް ގެނައި ބަދަލާއެކު ތިން ވަރަކަށް މިނިޓު ތެރޭގައި ރާއްޖޭ ޓީމުން ވަނީ އިންޑިއާ ކޮޅަށް ނުރައްކާތެރި ދެ ހަމަލާ އުފައްދާފައި ކަމަށެވެ.