އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ވެރިކަމަށް އަޔަނުދިނުމަށް ޕީޕީއެމަށް ދެވަނަ ބުރުގައި ތާއިދު ކުރަން ޖެހިދާނެ ކަމަށް އިޝާރާތްކޮށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲ ވާހަކަފުޅު ދައްކަވައިފި އެވެ.
~
ޖުމްހޫރީ ޕާޓީއިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތް ކުރުމަށް ތައްޔާރަތް އޮތް ކަމަށާއި އެގޮތުން އެ ކަމަށް ޕީޕީއެމްއާއެކު ދާން ޖެހިއްޖެ ނަމަ އެޕާޓީއިން ތައްޔާރަށް އޮތް ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ނަޝީދުގެ އަނިޔާވެރިކަމާ، އޭނަގެ ލާދީނިއްޔަތާ، އޭނަގެ މަކަރު ވެރިކަމުން މި ގައުމު ސަލާމަތް ކުރުމަށް މާދަމާ ވެސް ޕީޕީއެމްއާއެކު ދާންޖެހިއްޖެއްޔާ އަޅުގަނޑުމެންގެ ޕާޓީ ހަމަގައިމު ވެސް އޮތީ ދާން ތައްޔާރަށް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މި ވަގުތު އެ ޕާޓީއިން މަޑުކޮށްގެން ތިބީ އިލެކްޝަން ކޮމިޝަނުން ވޯޓް އޮޅުވާލާތީ ކަމަށެވެ. އިމްރާންގެ ވާހަކާފުޅުގައި އިލެކްޝަން ކޮމިޝަންގެ ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ނަޝީދު ނޫން ކޮންމެ ބޭފުޅަކާ އެކު ވެސް ކޯލިޝަން ހެދުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ. އަދި ކޯލިޝަން ހެދުމަށް ގޮތެއް ނުނިންމިގެން އުޅެނީ ވޯޓް އޮޅުވާލި މައްސަލައާއި ގުޅިގެން ކަމަށް ވިދާޅުވި އެވެ.

އަދާލަތު ޕާޓީން ޕީޕީއެމްއާއެކު ކޯލިޝަން ހަދާނެ ކަމުގެ އިޝަރާތެއް ކޮށްފައިވާއިރު އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ފުރަތަމަ ކޯލިޝަން ހެދީ ރައީސް ޑރ. ވަހީދުގެ ކޯލިޝަންއާ އެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކޯލިޝަން ރޫޅި އެބޭފުޅުން ވަނީ ޖުމްހޫރީ ގުޅިވަޑައިގެންފަ އެވެ.