ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގައި މިރޭ ރާއްޖެއާއި އިންޑިއާ ބަައްދަލު ކުރި މެޗަށްފަހު ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީއަށް މެޗުގެ ރެފްރީއާއި ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ބައެއް އޮފިޝަލުން ހަމަލާ ދީފި އެވެ.

ކަތުމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗު ނިމުމުން ރާއްޖޭ ޓީމުގެ ކުޅުންތެރިން ފެރްރީގެ ނިންމުންތަަކާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުން ރެފްރީ ވަނީ، އަލީ އުމަރަށާއި މުހައްމަދު ރަޝީދު (ހޮކޭ) އަށް ރަތްކާޑު ދައްކާފަ އެވެ.

ރެފްރީ ދަނޑުން ފައިބައިގެން އައިވަގުތު ރެފްރީއާ ސަލާމް ކުރުމަށް ދަނޑުގެ އަރިމަތީގައި ހުރެ ރާއްޖޭ ޓީމުގެ ކޯޗު ރެފްރީއާ ސަލާމް ކުރަން އަތް ދިއްކޮށްލުމުން މެޗުގެ ރެފްރީކަން ކުރި ޖޯޑަންގެ އިދްހާމް މުހައްމަދު ވަނީ އުރުބާނީއާ ސަލާމް ކުރުމަށްފަހު ކޯޗުގެ އަތުގައި ހިފައި ދަމައިގަނެ ކޯޗުގެ ކޮނޑުންޖަހައި ކޮށްޕާލާފަ އެވެ. އެވަގުތު އެތަނުގައި ތިބި އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝާން (އަންފާ)ގެ ބައެއް އޮފިޝަލުން ވަނީ އުރުބާނީގެ ގެ މޭމަތީގައި އަތްއަޅައި ކޮށްޕާލާފަ އެވެ.

"އެއީ ވަރަށް ގޮތްކުޑަ އަމަލެއް. އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއްވެސް. އަހަންނަކަށް ނޭނގެ ކާކުކަމެއް އެހެން ހެދީ،" އެ ހާދިސާއާ ބެހޭގޮތުން ގައުމީ ޓީމްގެ ކޯޗު ބުންޏެވެ.

ރާއްޖޭ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ އެވަގުތު ކޯޗު އެތަނުން ދުރުކޮށް ޓީމުގެ އެހެން މެންބަރުން ކައިރިއަށް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ނޭޕާލުގެ ބައެއް އޮފިޝަލުން ވަނީ، އެވަގުތު ޓީމުގެ ކުޅުންތެރިންނާ ކުޅިވަރުގެ ރޫހާ ހިލާފު ބޭއަދަބީ ބަސްތައް ބޭނުންކޮށް ޒުވާބުކޮށް ހަދާފަ އެވެ.

ރާއްޖޭ ކުޅުންތެރިން މައްސަލަ ޖެއްސީ މެޗުގެ 74 ވަނަ މިނިޓުގައި ރާއްޖޭ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އިންޑިއާގެ ޕެންލްޓީ އޭރިޔާ ތެރެއިން ކީޕަރު ކައިރިން ނައްޓާފައި ބޯޅަހިފައިގެން ދެމިގަންނަން އުޅުމުގެ ތެރޭގައި ދަގަނޑޭއަށް ކީޕަރު ފައުލު ކުރުމުން ވެސް އަމިއްލައަށް ވެއްޓުނީ ކަމަށް ބުނެ، ރާއްޖެއަށް ޕެނަލްޓީ ނުދީ ރެފްރީ ދަގަނޑޭއަށް ރީނދޫ ކާޑު ދައްކާފައި ވާތީ އެވެ.

ސެމީ ފައިނަލްގައި އިންޑިއާ އަތުން މިއަދު ރާއްޖެ ބަލިވީ 1-0 ލަނޑުންނެވެ. އިންޑިއާ ލަނޑު ކާމިޔާބު ކުރީ މެޗުގެ 87 ވަނަ މިނިޓުގައި އެޓީމަށް ލިބުނު ކޯނަރަކުންނެވެ.