09 Sep 2013, 23:28
ދިވެހިރާއްޖޭގެ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުން ޖާގަ ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ނަޝީދަކީ އިސްރާއީލާ ރަހުމަތްތެރި ދިވެހި ރާއްޖޭގެ ލީޑަރު ކަމަށް، އިސްރާއީލުގެ ނޫހެއް ކަމަށްވާދަ ޓައިމްސް އޮފް އިޒްރޭލުގައި ބުނެފި އެވެ.
"ދަ ޓައިމްސް އޮފް އިޒްރޭލް"އަކީ ދުނިޔޭގައި އެންމެ ފުޅާކޮށް ޔަހޫދީންގެ މަޞްލަޙަތާ ގުޅުން ހުރި ޚަބަރުތައް ގެނެސްދިނުމުގައި މަޝްހޫރު ނޫހެކެވެ.
އިސްރާއީލުގެ މި ނޫހުގައި ބުނެފައިވާ ގޮތުގައި "އިސްރާއީލާ އެކު ޝުކުރުވެރިވުން ހައްގު ގުޅުންތަކެއް ބޭއްވި ކުރީގެ ރައީސް ނަޝީދަށް އޮތް ތާއީދު ސެޕްޓެމްބަރު 28 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި އެނގިގެން ދާނެ،" ކަމަށެވެ.
ނަޝީދަކީ އިސްރާއީލަށް "ޕްރޯ" ބޭފުޅެއް ކަމަށާއި މިއީ މުސްލިމުންގެ އަޣުލަބިއްޔަތެއް އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ ދިވެހި ރާއްޖޭގައި ވަރަށް ޚިޔާލު ތަފާތު މައްސަލައެއް ކަމަށާއި އިސްރާއީލުގެ ޚާރިޖީ ވުޒާރާ އިން މިދިޔަ އަހަރު ފާހަގަ ކޮށްފައިވާ ގޮތުގައި ނަޝީދުގެ ސަރުކާރުން ވަނީ ޝުކުރުވެރިވުން ހައްގު ގުޅުމަކާއި ރަހުމަތްތެރިކަން އިސްރާއީލާ އެކު ދަމަހައްޓައިފައި ކަމަށް ވެސް އެ ނޫހުގައި ލިޔެފައިވެ އެވެ. އެ ގޮތުން 2011 ވަނަ އަހަރުގެ މެއި މަހުގެ 16 އިން 20 އަށް ނަޝީދު ސަރުކާރުގެ ޚާރިޖީ ވަޒީރު އަޙްމަދު ނަސީމް އިސްރާއީލަށް ވަޑައިގަތް ކަމަށާއި މިއީ ދިވެހިރާއްޖޭގެ މަތީ މަގާމެއްގައި ހުންނެވި ބޭފުޅަކު ޔަހޫދީ ދައުލަތަށް ކުރެއްވި މިފަދަ ފުރަތަމަ ޒިޔާރަތް ކަމަށް ވެސް ޓައިމްސް އޮފް އިޒްރޭލުގައި ބުނެފައިވެ އެވެ. އަދި މި ދަތުރުފުޅުގައި ނަސީމް އިސްރާއީލުގެ ރައީސް ޝިމޮން ޕެރޭޒް އާއި ޚާރިޖީ ވަޒީރު ލިބަމަންއާ ބައްދަލު ކުރެއްވި ކަމަށާއި ހޮލޯކާސްޓުގެ ޔަހޫދީންގެ ހަނދާނުގައި ހަދައިފައިވާ "ޔާދު ވާޝީމް"ގައި ނަސީމް މާބޮނޑިއެއް ވެސް ބޭއްވި ކަމަށް ލިޔެފައިވެ އެވެ.