ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ސަންއާ ވާހަކަ ދައްކަވަމުން ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު މިރޭ ވިދާޅުވީ ދެކަނބަލުން މިރޭ 8:30 އެހާކަންހާއިރު ރާއްޖެ އިން ބޭރަށް ފުރައިވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންނެވުމުން ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ހދ. ހޮނޑައިދޫގައި އޭނާ އާއި އިތިރު ބަޔަކު ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުލަތުން ޖާބިރުގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ދިޔާނާ ވިދާޅުވީ ޕާސްޕޯޓު ހިފެހެއްޓޭނީ އުފުލިފައިވާ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ކޯޓުގައި ދައުވާ އިއްވުމުން ކަމަށެވެ. އެ ނޫން ހާލަތްތަކުގައި ޕާސްޕޯޓު ހިފެހެއްޓޭނީ ކޯޓަށް ފިލައިގެން އުޅޭ ނަމަ ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ އެގޮތަށް ވިދާޅުވާ އިރު ކްރިމިނަލް ކޯޓުން ބުނެފައި ވަނީ ޖާބިރު ކޯޓަށް ހާޒިރު ކުރުމަށް އޭނާ އަށް ޗިޓް ހަވާލުކުރުމަށް އެ ކޯޓުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.

ޖާބިރަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި ކްރިމިނަލް ކޯޓުން ޖާބިރަށް ޗިޓް ހަވާލު ކުރެވިފައި ނުވަނީ ކެމްޕޭން ދަތުރެއްގައި އަތޮޅުތެރޭގައި އޭނާ އުޅުއްވުމުން ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.