22 Nov 2010, 05:34
ގާނޫނެއް އޮތަސް ނެތަސް އިސްތިއުފާދެއްވި އެއްވެސް ވަޒީރަކަށް ޕީއޭއިން ރުހުން ނުދޭނެކަމަށް އެ ޕާޓީން ބުނެފި އެވެ.
މިއީ އެ ޕާޓީން އެ ވާހަކަ ތަކުރާރު ކުރި ދެ ވަނަ ފަހަރެވެ. ކުރިން ވެސް އެ ޕާޓީން އެ ވާހަކަ އެ މޭރުމުން ދައްކާފައިވެ އެވެ.
ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ނިންމާލާފައިވާ އިރު އެ ބަހުސްގައި ވާހަކަ ދެއްކެވި ޕީއޭގެ ދެ މެންބަރުން ކަމަށްވާ ފޮނަދޫ ދާއިރާގެ އަބްދުﷲ އަބުދުއްރަހީމާއި މާވަށު ދާއިރާގެ އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ، (އެމްޑީޕީން ވަކާލާތުކުރާގޮތަށް) އެ މައްސަލަ ކޮމިޓީއަކަށް ފޮނުވި ނަމަވެސް އަދި މިހާރު އޮތް ގޮތަށް ވޯޓަށް އެއްސެވި ނަމަވެސް ޕީއޭގެ ނިންމުން ވަރަށް ސާފުކަމަށެވެ. އަދި ވަޒީރު ކަމަށް އައްޔަން ކުރައްވާ ފައިވާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތަށް، ގާނޫނެއް އޮތަސް ނެތަސް ގާނޫނީ އިމުން ބޭރުން ކަމަށް ވާތީ، ގާނޫނެއް އޮތަސް ނެތަސް އެ ބޭފުޅުންނަށް ޕީއޭ އިން ރުހުން ނުދެއްވާނެ ކަމަށެވެ.
ކުރީގެ ޖަލްސާތަކުގައި ވެސް ވަޒީރުންނަށް ރުހުން ދިނުމުގެ ބަހުސް ކުރިއަށްގެންގޮސްފައި ވާތީ، މިއަދުގެ ޖަލްސާގައި ބަހުސަށް ބާކީ އޮތް ދިހަ މިނިޓްގެ ވަގުތުގޮޅުގައި ހަތަރު މެންބަރަކު ވާހަކަ ދެއްކެވި އެވެ.
މިއަދުގެ ބަހުސްގައި ރިޔާސަތުން ފުރަތަމަ ފުރުސަތު ދެއްވީ، އެމްޑީޕީގެ މެންބަރު މަޑަވެލި ދާއިރާގެ މުހައްމަދު ނާޒިމަށެވެ. ނާޒިމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް ވެސް އެޖެންޑާކޮށްފައި ވަނީ ކުރީގެ ޖަލްސާތަކެކޭ އެއްގޮތަށް، ބަދަލެއް ނައިސް، މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލައާ މެދު ކުރީގެ ޖަލްސާތަކުގައި ކުރިއަށްދިޔަ ބަހުސްތަކުގައި ހިޔާލު ތަފާތުވުން ބޮޑުވެގެން ޖަލްސާ ނިންމާލާފައި ވަނީ އެކަމުގައި ހިޔާލުތަފާތުވެފައިވާ މައްސަލައަށް ހައްލެއް ހޯދެވުމަށް ކަމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވި ނަމަވެސް އެކަމަށް ހައްލެއް އައިސްފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ވިދާޅުވެފައި ނުވާ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ. އަދި އެ މައްސަލަ މަޖިލީހުގައި ކުރިއަށްދަނީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވާތީ އެކަމުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށާއި އެ މައްސަލަ ކުރިއަށްދާ ނަމަ އެކަނި ނަމަވެސް މަޖިލިސް ދޫކުރައްވައި ނިކުންނަވާނެ ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.
ދެވަނަ އަށް ވާހަކަ ދެއްކެވި ޑީއާރުޕީގެ މެންބަރު ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒް ވިދާޅުވީ، ވަޒީރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުން ކަންތައް ކުރައްވަމުން ގެންދަވަނީ އިންސާފުން ނޫންކަމަށެވެ. އެގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް، ބޮޑެތި ރަށްރަށުގެ މަސައްކަތްތަކުގެ ބަދަލުގައި ކުރިއަށް ގެންދަނީ ކުދި ރަށްރަށުގެ މަސައްކަތްތައް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކައިރިވަމުން އަންނައިރު ބައެއް ރަށްރަށުގެ ރައްޔިތުން ވޯޓުލާންވީތަން ހޯމް މިނިސްޓަރު މުހައްމަދު ޝިހާބަށް ކަނޑަނޭޅުއްވޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވުމުން އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވި އެވެ. ނަމަވެސް މައްސަލަ އިތުރަށް ހޫނުވުމުގެ ކުރިން މުޖުތާޒަށް ދީފައިވާ ވަގުތު ވަނީ ހަމަވެފަ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ބަހުސް މިއަދު ނިމުނުއިރު ދެގޮތެއް ވަނީ ހުށަހެޅިފަ އެވެ. އެއީ މިހާރު އޮތްގޮތަށް ވަކިވަކިން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހައި މައްސަލަ ނިންމުމަށް ޑީއާރުޕީން ހުށަހަޅާފައިވާ ހުށަހެޅުމަކާއި، މައްސަލަ އިތުރަށް ބެލުމަށް ކޮމިޓީއަކަށް ފޮނުވުމަށް އެމްޑީޕީން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.
މިއަދު 1:30 ގައި އެ މައްސަލައަށް ގޮތެއް ނިންމުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އައްސަވާނެ އެވެ.