09 Sep 2013, 18:35
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމާ ދެ ބޭފުޅުންގެ މެދުގައި ރިޔާސީ ބަހުސުގެ ދެ ވަނަ ބުރެއް ބޭއްވުމަށް އެމްބީސީން ނިންމައިފި އެވެ.
އެމްބީސީ އާއި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ އެ ބަހުސް ބޭއްވުމަށް މިހާރު ހަމަޖައްސާފައި ވަނީ މި މަހުގެ 23 ވާ ހޯމަ ދުވަހުގެ ރޭ ކަމަށް އެމްބީސީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ. އަދި ފުރަތަމަ ބުރުގެ ބަހުސެކޭ އެއްފަދައިން މި ފަހަރުގެ ބަހުސް ވެސް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ދަރުބާރުގޭގައި ކަމަށް ވެސް އެމްބީސީން ބުންޏެވެ.
އެ ބަހުސްގައި ކަނޑައެޅޭ ދާއިރާތަކުން ކެންޑިޑޭޓުންގެ ސިޔާސަތުތައް ބަޔާންކޮށްދެއްވުމަށް ފުރުސަތު އެރުވޭގޮތަށް ސުވާލުތައް ހިމެނޭނެ ކަމަށް އެބްސީ އިން ބުންޏެވެ. އަދި ކުރީގެ ބަހުސާ ހިލާފަށް މިފަހަރުގެ ބަހުސްގައި އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ ރައްދު ދެއްވުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެމްބީސީން ބުންޏެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަތަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދަށް ލިބިވަޑައިގެންފައި ވަނީ 95224 ވޯޓެވެ. އެއީ ވޯޓްލި މީހުންގެ 45.5 ޕަސެންޓެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީނަށް ލިބިވަޑައިގެންފައި ވަނީ 53009 ވޯޓެވެ. އެއީ ވޯޓްލި އާބާދީގެ 25 ޕަސެންޓެވެ.
އެމްބީސީން ބުނީ ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ރިޔާސީ ބަހުސް ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ބަހުސްފަދަ ކާމިޔާބު އަދި ކަނޑައެޅިފައިވާ އުސޫލުތަކާއި ގައިޑްލައިންތަކަށް ކެންޑިޑޭޓުން އިހުތިރާމްކުރައްވާނެ ދިވެހި ރައްޔިތުންނަށް މުހިންމު ބަހުސަކަށް ދެ ވަނަ ބުރުގެ ބަހުސް ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.