09 Sep 2013, 16:27
ހޮނިހިރު ދުވަހު ނިމިގެންދިޔަ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ މެދު ސުވާލު އުފެދޭ ވަރުގެ މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށް ކޮމަންވެލްތުން އިންތިހާބަށް ކަނޑައަޅާފައިވާ އޮބްޒާވާ ގުރޫޕުން ބުނެފި އެވެ.
މިއަދު ޓްރޭޑާސް ހޮޓެލުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޮބްޒާވާ ގުރޫޕްގެ ޗެއާ އަދި މޯލްޓާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ޑރ. ލޯރެންސް ގޯންޒީ ވިދާޅުވީ އިލެކްޓޯރަލް ޕްރޮސެސް (އިންތިހާބު ކުރިއަށްދިޔަ ނިޒާމީ އޮނިގަނޑުގައި) މައްސަލައެއް ނެތް ކަމަށާއި އިންތިހާބުގެ ނަތީޖާއާ މެދު ސުވާލު އުފެދޭ ވަރުގެ މައްސަލައެއް ނެތް ކަމަށެވެ.
"ވޯޓުގެ ސައްހަކަމާ މެދު، ނުވަތަ ނަތީޖާއާ މެދު ސުވާލު އުފެދޭ ވަރުގެ މައްސަލައެއް ނެތް. އެފަދަ މައްސަލައެއް އުޅޭ ނަމަ، އަޅުގަނޑުމެންގެ ސްޓޭޓަމަންޓުގައި ފާހަގަކޮށްފައިވާނެ. އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ އިލެކްޓޯރަލް ޕްރޮސެސް އޮވަރޯލްކޮށް ދިޔައީ މިނިވަން އަދި އިންސާފުވެރިކޮށް ކަމަށް" ގޯންޒީ ވިދާޅުވި އެވެ.
ޑރ. ގޯންޒީ ވިދާޅުވީ އިންތިހާބުގައި ވޯޓުލާ މީހުންގެ ރަޖިސްޓްރީ ނުވަތަ "ވޯޓާސް ރަޖިސްޓްރީ" ގައި މަރުވެފައި ތިބި މީހުންގެ ނަން ހިމެނުމާއި، ވޯޓުލާ މީހުން ނުބައި ރަށްރަށުގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ފާހަގަކުރެވުނު ކަމަށެވެ.
އަދި ވޯޓުލާ މަރުކަޒުތަކުގައި ވޯޓާސް ރަޖިސްޓްރީ އާ ބެހޭ މައްސަލަތައް ފެންމަތިވީ މަދު ހާލަތްތަކެއްގައި ކަމަށާއި އެހާލަތްތަކުގައިވެސް އިލެކްޝަން އޮފިޝަލުން މައްސަލަތައް ގަވާއިދުގައި އޮތް ގޮތުގެ މަތިން ހައްލުކޮށްފައިވާ ކަމަށް ކޮމަންވެލްތުން ބުނެ އެވެ.
ވޯޓުލީ މީހުންގެ އަދަދާ ބެހޭ ގޮތުން ކޮމަންވެލްތުން ބުނީ، ހާއްސަކޮށް މާލޭގައި ވޯޓުލާ މަރުކަޒުތައް ހުޅުވުމާއެކު ގިނަ އަދަދެއްގެ މީހުން ވޯޓުލާން ކިއު ހެދި ކަމަށެވެ. އަދި ވޯޓު ކިއުތައް ދިގު ދެމިގެން ދިޔަ ނަމަވެސް، ވޯޓުލާން ދިޔަ މީހުން ކެތްތެރިކަމާއެކު ގިނަ ވަގުތު ކިޔުގައި ހޭދަކުރުމުން ހައިރާން ކަމެއް ލިބުނު ކަމަށެވެ.
ވޯޓު ގުނުމާ ގުޅޭ ގޮތުން ކޮމަންވެލްތުން ބުނީ ވޯޓު ގުނުމުގެ މަރުހަލާ ދިޔައީ އެތެރެ ފެންނަ ގޮތަކަށް ކަމަށާއި އިލެކްޝަންސްގެ އޮފިޝަލުން މަސައްކަތްކުރީ ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން ކަމަށެވެ. އަދި ވޯޓު ގުނުމުގެ މަރުހަލާ ކުރިއަށް ދިޔައިރު، ކެންޑިޑޭޓުންގެ އޮބްޒާވަރުންނާއި މީޑިއާގެ ފަރާތްތަކުން އެމަރުހަލާގައި ކަންތައްތައް ކުރިއަށް ދިޔަ ގޮތް ބަލަމުން ދިޔަ ކަމަށް ކޮމަންވެލްތުން ބުނެފައިވެ އެވެ.