ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރެންކިން ބައްދަލުކުރައްވަން ފައްޓަވައިފި އެވެ.

ރެންކިން ޓުވިޓާގައި ވިދާޅުވެފައި ވަނީ ދެން އޮތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކަމަށާއި ހުރިހާ ފަރާތްތަކުން މަޑުމައިތިކަމާ އެކު ތިބުމަށް ގޮވާލާ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ހުރިހާ ފަރާތްތަކުން ވެސް ގަބޫލުކުރުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ.

އިނގިރޭސި ސަފީރު ވަނީ ރާއްޖެ ވަޑައިގެން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި އިންތިހާބު އޮބްޒާވްކުރަން އައި ބޭރުގެ އޮބްޒާވަރުންނާ ބައްދަލުކޮށް އެ މީހުންގެ ހިޔާލު ހޯދާފައިވާ ކަމަށް ވެސް ރެންކިން ވިދާޅުވެފައިވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި އިންތިހާބު އޮބްޒާވްކުރުމަށް އިނގިރޭސިވިލާތުގެ ޕާލަމެންޓް މެމްބަރުންތަކެއް ވަޑައިގެންނެވި ކަމަށް ސަފީރު ވިދާޅުވެފައިވެ އެވެ.