މިދުވަސްވަރު މާލެ އާއި އެކި ސަރަހައްދުތަކުގައި ވަގު ނޫޓުތަކެއް ދައުރުވަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އެފަދަ ކަމެއް ހިނގާ ކަމެއް ރަސްމީކޮށް އެނގިފައި ނުވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

މަރުކަޒީ ބޭންކުގެ އޮފިޝަލަކު ވިދާޅުވީ އައްޑު އާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ވަގު ނޫޓުތަކެއް ދައުރުވާ ކަމަށް އަޑު ފެތުރުނު ނަމަވެސް ފުލުހުންގެ ފަރާތުން އެފަދަ ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް އެކި ފަރާތްތަކުން އެކަހަލަ އަޑުތައް އިވޭ. ނަމަވެސް ފުލުހުންގެ ފަރާތުން އެފަދަ އެއްވެސް މައްސަލައެއް ލިބިފައެއްނުވޭ،" އޭނާ ވިދާޅުވި އެވެ.

ވަގުނޫޓުތަކެއް މިދިޔަ ހަފުތާ އިން ފެށިގެން ދައުރުވަމުންދާ ކަމަށް އަޑު ފެތުރިފައިވެ އެވެ. އެގޮތުން އައްޑު އާއި ބައެއް އަތޮޅުތަކުގައި ވެސް ފަސް ރުފިޔާގެ ވަގު ނޫޓު ދައުރުވަމުންދާ ކަމަށް ވާހަކަދެކެވެ އެވެ.

"މިރަށުގެ ތެރޭގައި ވަރަށް ގިނަ އަދަދަކަށް ފަސް ރުފިޔާގެ ވަގު ނޫޓު އެބައުޅޭ. ބައެއް ފިހާރަތަކުން ބާކީ ދޭއިރު ވެސް ވަގު ނޫޓުދޭ ކަމަށް އެބަ ވާހަކަދެކެވޭ،" ބ. އޭދަފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް މިދިޔަ ހަފުތާގައި އައްޑޫގައި ވެސް ގިނަ އަދަދެއްގެ ވަގު ނޫޓު ދައުރުވަމުން ދިޔަ ކަމަށް ބައެއް ފަރާތްތަކުން ޝަކުވާ ކޮށްފައިވެ އެވެ.

އައްޑޫ ސްޓޭޝަން އިންސްޕެކްޓަރު ކޮމާންޑާ މުހައްމަދު ހަސަން މިދިޔަ ހޮނިހިރު ދުވަހު "ސަން"އަށް ވިދާޅުވީ ފަސް ރުފިޔާގެ، ލައްކައެއްހާ ނޫޓު ޗާޕުކޮށްގެން ހިތަދޫ އަށް ގެނެސްފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އިންޓެލިޖެންސްގެ އެކި މަސްދަރުތައް މެދުވެރިކޮށް، އައްޑު އަށް ވަގު ފައިސާ ގެނައި މީހުންގެ އަތުން ފަސް ރުފިޔާގެ ވަގު ނޫޓެއް ހޯދާފައިވާ ކަމަށާއި އެ ނޫޓް ބަލާލުމުން އެއީ ވަގު ފައިސާކަން ފަސޭހައިން ދެނެ ނުގަނެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.