ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ގަބޫލު ނުކުރައްވައި ޖުމްހޫރީ ކޯލިޝަންގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކޯޓަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓުލިބިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކޯޓަށް ހުށަހަޅަނީ "އެއް ކަމެއް ދެކަމެއް ނޫން"ކަމަށް ގާސިމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ކޯޓަށް ވަޑައިގަންނަ ވަނީ ނަތީޖާ ގަބޫލުނުކުރައް ވާތީ ކަމަށާއި އެމަނިކުފާނު ގަބޫލު ކުރައްވަނީ އެންމެ ގިނަ ވޯޓު ލިބެން ޖެހޭނީ އެ މަނިކުފާނަށް ކަމަށެވެ.

"މިހާރު އޮތް ނަތީޖާ އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްގޮތަކަށް ވެސް. އެއީ އެހެންވީމަތާ ކޯޓަށް ދާން އަޅުގަނޑުމެން މި އުޅެނީ،"

ގާސިމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު އެ ބައްދަލުވުމުގައި ވިދާޅުވީ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ވޯޓު ރަޖިސްޓްރީގައި އެކެއްގެ ނަން ތަކުރާރުކޮށް ހުރުމާއި އަދި މަރުވެފައި ތިބި ބައެއް މީހުންގެ ނަންތައް ވެސް ހުރި ކަމަށެވެ.

"އެކަކުގެ ނަން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ތަކުރާރުވެފައި ހުރުން އެބަ ހުރި. މީހުން ވޯޓުލާންދާއިރު އެމީހަކު ވޯޓުލާން ދިޔަ ކަމަށް އެބަ ހުރި މާކުކުރެވިފައި. މަރުވެފައި ތިބި މީހުންގެ ނަން ވެސް އެބަހުރި ހުރިކަން ފާހަގަކުރެވިފައި. ތުއްތު ކުދިން، އުމުރުން 18 އަހަރު ނުފުރޭ ކުދިން ލިސްޓްގައި ހުރިކަން އެބަހުރި ފާޅުވެފައި،"

ވޯޓުފޮއްޓަށް ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ އަދަދަށް ވުރެ ގިނަ އިން ވޯޓުލާފައި ހުރި މައްސަލަތަކެއް ފާހަގަ ކުރެވޭތީ ވޯޓުލާ މީހުންގެ ރަޖިސްޓްރީ އާއި ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތައް ހޯދަދިނުމަށް ކޯޓުގައި އެދެން ނިންމާފައިވާ ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ލިޔުންތައް ދިނުމަށް އިލެކްޝަނުގައި އެދިފައިވާނެ ކަމަށާއި އިލެކްޝަނުން ލިޔުންތައް ނުލިބުނު ނަމަވެސް ބައެއް މައްސަލަތަކުގެ ހެކި ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރުން މިހާރަށް ވެސް އަޅުގަނޑުމެން އަތުގައި އެބަހުރި ހެކި މަރުވެފައި ތިބި މީހުން ނަން އޮތުމާއި އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެއް ނަމެއް އޮތުމާއި ވޯޓުދީފައި ހުރި އަދަދާއި ވޯޓު ރަޖިސްޓްރީއާ މެޗުނުވާ އެއްޗެހި އެބަހުރި. މިހާރު ވެސް އިލެކްޝަންސް ސައިޓުން ފެންނާނެ. އެހެންވީމާ މިހާރު ވެސް އިލެކްޝަންގެ ޕްރޮސެސްދިޔަ ގޮތާ މެދު އެބައޮތް ސުވާލު އުފެއްދެން،"

ކުރީގެ ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ޑރ. ހަސަން ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅާނީ މާދާމާ ކަމަށާއި ކޯޓުގައި އެދޭނެ ކަންތައް މުޅިން ނިންމާނީ މިރޭ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 50،422 މީހުންގެ ވޯޓެވެ. އެއީ ވޯޓުގެ 24.07 ޕަސެންޓެވެ.