ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނިމި، އާ ރައީސުލްޖުމްހޫރިއްޔާ އަކު މަގާމުގެ ހުވާކުރުމަށް ދާންދެން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މައްސޫދު އިމާދު މިއަދު ސަން އަށް ވިދާޅުވީ ރައީސް ވަހީދު މިއަދު ވެސް އޮފީހަށް ނުކުމެވަޑައިގެން އެމަނިކުފާނުގެ ރޫޓިން މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށާއި އަންނަ ނޮވެމްބަރުގެ 11 ވަނަ ދުވަހު ރައީސް ކަމަށް ވަޑައިގެންނަވާ ބޭފުޅަކާ ވެރިކަން ހަވާލުކުރެއްވުމަށް ފަހު އެނބުރި އާއްމު ދިރިއުޅުމަށް ވަޑައިގެންނަވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ވަހީދު އަށް ލިބިވަޑައިގެންފައި ވަނީ 10،750 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ އާބާދީގެ 5.13 ޕަސެންޓެވެ. އަދި އެމަނިކުފާނަށް ރާއްޖޭގެ ބައެއް ރަށްރަށުން މެޖޯރިޓީ ވެސް ލިބިވަޑައިގެންފައިވެ އެވެ. އޭގެތެރޭގައި ހދ. ހިރިމަރަދޫ އާއި ހދ. ހަނިމާދޫގައި ބެހެއްޓި އެއް ފޮށިންނާއި ށ. ކަނޑިތީމު ހިމެނެ އެވެ.

ނަމަވެސް ވަހީދަށް ވޯޓް ދިން ރައްޔިތުންނާއި މުހާތަބުކުރައްވައި ރިޔާސީ އިންތިހާބަށް ފަހު އެއްވެސް އެއްޗެއް ރައީސް ވަހީދު ވިދާޅުވެފައެއް ނުވެ އެވެ.

މަސްއޫދު ވިދާޅުވީ ގައުމައިގެން ކުރިއަށް ކޯލިޝަންގެ ފަރާތުން ފަހުން މީޑިއާތަކަށް އިންތިހާބާ ގުޅޭ ގޮތުން ބަޔާނެއް ނެރޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ވަހީދު ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކާ އަޅާ ބަލާ އިރު ލިބިފައިވާ ތާއީދު ކުޑަ ކަމަށް އޭނާ ދެކެވަޑައިގެންނަވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ވަހީދުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދެއްވި ކަންތައްތައް މާ ގިނަ އަދި މާރަނގަޅު ނަޝީދު ކޮށްދެއްވި ކަންތައްތަކަށް ވުރެ. އެއަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން ދެކެން. އެގޮތުން މާ ގިނަ ރަށްރަށުގައި ނަރުދަމާ ގާއިމްކުރެވި މާގިނަ ރަށްރަށުގައި އެއާޕޯޓްތައް ހުޅުވައިދެއްވި." މަސްއޫދު ވިދާޅުވި އެވެ.