ވައްކަމުގެ މައްސަލައެއްގައި ހުޅުމާލެ އަށް ނޭރުމަށް ހުކުމްކޮށްފައިވާ މީހެއްގެ މައްޗަށް އަނެއްކާ ވެސް ހުޅުމާލެ އިން ވައްކަން ކޮށްގެން ތިން މަސް ދުވަހަށް ހުޅުމާލެ އަށް ނޭރުމަށް ހުޅުމާލެ ކޯޓުން އަމުރުކޮށްފި އެވެ.

ހުޅުމާލެ ކޯޓުން ތިން މަސް ދުވަހަށް ހުޅުމާލެ އަށް ނޭރުމަށް ޝަރުތު ކޮށްފައި ވަނީ ކ. މާލެ، ދަފްތަރު އަހުމަދު ޝައިރަފް އަބްދުއްރަޙީމް 19 އަހަރުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވަނީ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުންނެވެ.

ފުލުހުން ބުނީ އެ މީހާގެ މައްޗަށް ހުޅުމާލެ ކޯޓުން ޝަރުތު މިގޮތަށް ކަނޑައެޅީ މި އަހަރުގެ ޖުލައި 06 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުރި ފިހާރައަކަށް ވަދެ އެފިހާރައިގެ ސޭޓަށް ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާ ފޭރެން މަސައްކަތްކޮށްފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޝައިރަފަކީ މި އަހަރުގެ މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަސް ވަންދެން ހުޅުމާލެ އަށް ނޭރޭ ގޮތަށް ހުޅުމާލޭ ކޯޓުން ކަނޑައަޅާފައިވާ މީހެއް ކަމަށެވެ.

ޝައިރަފް އަކީ މީގެ ކުރިން ވެސް ވައްކަމާއި މަސްތުވާތަކެތީގެ އިތުރުން މާރާމާރީގެ މައްސަލަތަކުގެ ގިނަ ރެކޯޑް މޯލްޑިވްސް ޕޮލިސް ސާވިސްގައި އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެގޮތުން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް 2009 ވަނަ އަހަރު ގެންގޮސް މައްސަލަ ވަނީ ޕީޖީ އަށް ފޮނުވާފަ އެވެ.

މީގެ އިތުރުން މަގުބޫލު ސަބަބެއް ނެތި އާއްމު ތަންތަނުގައި ތޫނު އެއްޗެތި ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ހަތަރު މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.