މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރީ ކުރުމަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށް ނިންމައިފި އެވެ.

އިލެޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ސަން އަށް ވިދާޅުވީ މި މަހު 28 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލާތަން ބަދަލުކުރާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައް ވާނީ ތިން ދުވަސް ފަހުން ކަމަށެވެ.

ހަމަ އެހެންމެ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އިލެކްޝަނުން ނެރުނު ވޯޓު ލިސްޓްގައި ނަން ނެތިގެން ނުވަތަ އެހެން ސަބަބަކާ ހުރެ ވޯޓު ނުލެވުނު ފަރާތްތަކަށް ލިސްޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުއާދު ވިދާޅުވި އެވެ. އެ ފުރުސަތު ވެސް ދިނުމަށް ނިންމާފައި ވަނީ ތިން ދުވަހުގެ މުއްދަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 239،593 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވީ އިރު އޭގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ޓަކައި 65000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ.