22 Nov 2010, 05:08
ލ. އަތޮޅު އަތޮޅު އޮފީހާއި ރަށު އޮފީސްތަކުގެ މުވައްޒަފުންނަށް ފައިސާ އާއި ހިސާބުތައް ބަލަހައްޓަން ދަސްކޮށް ދިނުމަށް ވޯޝަޕެއް ހިންގުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވައިދާ ހިލާފަށް އެ ކަންކޮށްފައިވާތީ މީގެ ފަހުން އެފަދަ ގޮތަކަށް ކަންތައް ނުކުރުމަށް ލ. އަތޮޅު އަތޮޅު އޮފީހަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.
މި މައްސަލަ އޭސީސީއަށް ހުށަހެޅި ފަރާތަށް އޭސީސީގެ މެންބަރު މުހައްމަދު ޝަފީއު ސޮއި ކުރައްވައި މި މަހުގެ ހަތް ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނަނީ އަތޮޅު އޮފީހާއި ރަށު އޮފީސްތަކުގެ މުވައްޒަފުންނަށް ފައިސާ ބަލަހައްޓަން ދަސްކޮށްދޭ ވޯކްޝޮޕެއް ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާން ކުރިއިރު އިއުލާނާ ގުޅޭ އަންދާސީ ހިސާބުތައް ބަލައި އިވެލުއޭޓް ކުރުމުގައި ތަޖުރިބާގެ އިތުރުން ބަލަންޖެހޭ ކަންތައްތަކެއް ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައި ވިޔަސް އެ މަސައްކަތް ހަވާލު ކުރުމަށް ޕޮއިންޓް ދީފައި ވަނީ ހަމައެކަނި މަސައްކަތުގެ އަގަށާއި ތަޖުރިބާއަށް ބަލައިގެން ކަމަށެވެ.
އަދި އިއުލާނާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ދިޔަ ފަރާތްތަކަށް މައުލޫމާތު ދިނުމުގައި މާލިއްޔަތުގެ ގަވައިދާ ހިލާފުވެފައިވާއިރު އިވެލުއޭޓް ކުރި ކޮމެޓީގައި އަތޮޅު އޮފީހު ވެރިންގެ ތެރެއިން އެއްވެސް ފަރާތެއް ހިމަނާފައި ނުވާ ކަމަށެވެ.
އޭސީސީން ލ. އަތޮޅު އަތޮޅު އޮފީހަށް އަންގާފައި ވަނީ މީގެ ފަހުން އެފަދަ ކަމެއް ކުރާއިރު މާލިއްޔަތުގެ ގަވައިދާ އެއްގޮތްތަކަށް ކުރިޔަށް ގެންދިއުމުގެ އިތުރުން އިވެލުއޭޝަން ކޮމެޓީގައި އޮފީހުގެ ވެރިން ހިމެނުމަށެވެ.