09 Sep 2013, 11:39
ރިޔާސީ އިންތިހާބާ ގުޅިގެން އެއްވެސް މައްސަލައެއް މިހާތަނަށް ކޯޓަށް ވައްދާފައިނުވާނެ ކަމަށާއި ނަމަވެސް އެ މައްސަލަތައް ބަލަމުންދާ ކަމަށް ޖުމްހޫރީ ޕާޓީ އިން ބުނެފި އެވެ.
ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ތަރުޖަމާން އިބްރާހިމް ހަލީލު މިއަދު "ސަން"އަށް ވިދާޅުވީ އިންތިހާބުގެ ކުރިން އެ ޕާޓީ އިން އިލެކްޝަން ކޮމިޝަނަށް ޝަކުވާތަކެއް ހުށައެޅި ކަމަށާއި ނަމަވެސް އެ މައްސަލަތައް ހައްލުނުވެ އިންތިހާބުގައި އެކަން ދިމާވެފައިވާ ކަމަށެވެ.
"އިލެކްޝަން ބޭއްވުމުގެ ކުރިން ސަމާލުކަމަށް ގެނައިން ކަންކަން ތައްތަކެއް، ރިޕީޓްކޮށް ވޯޓް ލެވިދާނޭ، ރަޖިސްޓުރޭޝަން އޮޅުވާލުމުގެ ކަންކަން އެބައުޅޭ، މިހެންކިޔާފައި ބައިވަރު ކަންތައްތަކެއް އިލެކްޝަންގެ ސަމާލުކަމަށް ގެނައިން، ދެން އެނގިގެން ދިޔައީ އެކަންކަން އިލެކްޝަންގެ ތެރެއިން ހިނގިކަން. އެހެންވީމާ އެ މައްސަލަތައް ބަލަމުން މިދަނީ،" ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިލެކްޝަނާ ގުޅޭ ގޮތުން އެ ޕާޓީން ކޯޓަށް މައްސަލައެއް ހުށައަޅާފައި ނުވާނެ ކަމަށާއި ނަމަވެސް އެ މައްސަލަ ވަރަށް ރަނގަޅަށް ބަލަމުންދާ ކަމަށެވެ. އަދި ކޯޓަށް މައްސަލައެއް ހުށައެޅިއްޔާ އަޅާނީ މައްސަލަތައް ބަލައި ނިމުމުން ކަމަށް ހަލީލް ވިދާޅުވި އެވެ.
ހަލީލް އިތުރަށް ވިދާޅުވީ އެ ޕާޓީ އިން އެހެން ޕާޓީއަކާ އެކު ކޯލިޝަނެއް ހެދުމަށް އެއްވެސް މަޝްވަރާއެއް ނުކުރާކަމަށެވެ. އަދި ޕީޕީއެމް އާއި އެމްޑީޕީއިން ކޯލިޝަން ހެދުމަށް އެޕާޓީއާ ވާހަކަ ދެއްކުމަށް އެދިފައިވާކަމަށާއި ނަމަވެސް މިހާތަނަށް އަދި އެކަމާ ނުވިސްނާކަމަށް ވިދާޅުވި އެވެ. އަދި އެޕާޓީގެ ކެނޑިޑޭޓް ގާސިމް އިބްރާހިމް އުޅުއް ވަނީ ބަލިވެ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ހަލީލް ވިދާޅުވި އެވެ.
ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ހޮނިހިރު ދުވަހުގެ ރޭ ޖުމްހޫރީނ ޕާޓީގެ ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ. އެ ޕާޓީން ބުނެފައި ވަނީ އޮޅުވާލައިގެން 10،100 ވޯޓު އިތުރަށް ލާފައިވާ ކަމަށެވެ.