ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކަވަރު ކުރުމުގައި މޮނިޓަރުންނާއި ނޫސްވެރިން ހީނުކުރާހާ ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށް ސަން އޮންލައިންނާއި ސަން އެފްއެމް އާއި ސަން ޓީވީ ޕްލަސް ހިންގާ ސަން މީޑިއާ ގްރޫޕުން ބުނެފި އެވެ.

ސަން އިން ބުނީ ވޯޓްލަމުން ދިޔަ ވަގުތު ކަންތައްތައް ހިނގަމުން ދިޔަ ގޮތާއި ވޯޓްގެ ނަތީޖާ އާއްމުންނާ ހަމައަށް ގެނެސްދިނުމުގައި މޮނިޓަރުންނާއި ނޫސްވެރިން މަސައްކަތް ކޮށްފައި ވަނީ ވަރަށް އަވަސްކަމާ އެކު ކަމަށެވެ. އަދި ބުނީ އެފަރާތްތަކުން މަސައްކަތް ކޮށްފައި ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"މޮނިޓަރުންނާއި ނޫސްވެރިން ވެސް މަސައްކަތް ކޮށްފައި ވަނީ ވަރަށް ހަލުވިކަމާ އެކު، ވޯޓްލަމުން ދިޔައިރު ކަންތައްތައް ހިނގި ގޮތާއި ނަތީޖާ އާއްމުންނާ ހަމަ އަށް ވީހާ ވެސް އަވަހަށް ގެނެސް ދިނުމަށް އެންމެން ވެސް މަސައްކަތް ކުރި، މަސައްކަތް ކުރީ ވަރަށް ޕްރޮފެޝަނަލްކޮށް،" ސަން އޮންލައިންގެ އެޑިޓަރު - އިން ޗީފު، އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ކަވަރު ކުރުމަށް ސަން މީޑިއާ ގްރޫޕުން ވަނީ އެގްރޫޕްގެ މުވައްޒަފުންގެ ގޮތުގައި ތިބި ނޫސްވެރިންގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މޮނިޓަރުން ހަމަ ޖައްސާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކަވަ ކުރުމުގައި ވެސް ހަމަ އެގޮތަށް މަސައްކަތް ކުރާނެ ކަމަށް އެގްރޫޕުން ބުންޏެވެ.