09 Sep 2013, 11:11
ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރުގެ 46 ވަނަ އުފަން ދުވަސް މިއަދު ފާހަގަކުރުމަށް ޓަކައި ރާއްޖެ އައިސްފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ އަކްޝޭ ރާއްޖެ އައިސްފައި ވަނީ މިއަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ކޮމެޑީ ފިލްމް "އިޓްސް އެންޓަޓައިންމަންޓް"ގެ މަންޒަރުތަކެއް ނެގުމަށް ބެންކޮކްގައި އުޅުމަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު މުންބާއީ އަށް ދިއުމަށް ފަހުގައި ކަމަށެވެ. އަދި އޭނާ ރާއްޖެ އައިސްފައި ވަނީ އަމިއްލަ ޖެޓެއްގައި ކަމަށާއި ރާއްޖޭގައި ހަފްތާއެއްހާ ދުވަސް ހޭދަކުރާނެ ކަމަށް އެނޫހުގައި ބުނެފައިވެ އެވެ. ނަމަވެސް އަކްޝޭ ރާއްޖޭގައި މަޑުކުރަނީ ކޮންތާކު ކަމެއް އެ އެނޫހުގައި ނެތެވެ.
މައުލޫމާތު ލިބިފައި ގޮތުގައި އަކްޝޭ ރާއްޖެ އައިސްފައި ވަނީ އޭނާގެ އަންހެނުން އަދި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ އާއި އޭނާގެ ދޮށީ ފިރިހެން ދަރި އާރަވް ކަންނާ ކުމާރާއި މިމަހުގެ 25 ވަނަ ދުވަހު އެއްއަހަރު ފުރޭ އޭނާގެ އަންހެން ދަރިފުޅު ނިތާތާ ކަންނާ އާއި އެކުގަ އެވެ. އަދި މިދަތުރުގައި އަކްޝޭގެ މައިދައިތަ، ހަތަރު ފަހަރު ފިލްމް ފެއާ އެވޯޑް ހާސިލް ކޮށްފައިވާ ކުރީގެ ބަތަލާ ޑިންޕަލް ކަޑާޕިއާ ވެސް ބައިވެރިވާކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
މިހާތަނަށް 100 އަށްވުރެ ގިނަ ފިލްމް ކުޅެފައިވާ މަޝްހޫރު ބަތަލް އަކްޝޭ ކުމާރު އުފަންވެފައި ވަނީ 1967 ވަނަ އަހަރު އިންޑިއާގެ އަމްރިތްސާރު ކިޔާ ސިޓީ އަކަށެވެ.