09 Sep 2013, 10:38
އދ. ހަންޏާމީދޫ ގެއެއްގެ ގުދަނުގައި ރޯވެ އެގުދަން އެއްކޮށް އަނދާ ހުލިވެއްޖެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބް ރައީސް އަލީ މާހިރު ވިދާޅުވީ ރޭ އަނދާ ހުލިވެފައި ވަނީ އެ ރަށު "ވިދުވަރު" ގޭގެ ގުދަނެއް ކަމަށާއި އެ ގުދަން އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށެވެ.
އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
މާހިރު ވިދާޅުވީ އެގުދަނުގައި އަލިފާންރޯވެފައި ހުއްޓާ ފެނިފައި ވަނީ ރޭ ދަންވަރު 2:45ގައި ކަމަށާއި އެރަށު ރައްޔިތުންގެ މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 4:00ގައި ކަމަށެވެ. އަދި އެ ގުދަނަކީ އެގެއާއި އިންވެގެން ހުރި ގުދަނެއް ކަމަށާއި އެގޭގެ ފުޅާލުގައި ކުޑަކޮށް އަލިފާން ހިފި ނަމަވެސް އެގެއަށް މާ ބޮޑު ގެއްލުމެއް ނުވާކަމަށް ވިދާޅުވި އެވެ.
"އެވަގުތު އެގޭގައި ހުރީ އެންމެ މީހެއް، ދެން އޭނާއަކަށް ގެއްލުމެއް ނުވޭ، އެގުދަނަކީ 10 ފޫޓް ވަރުގެ ގުދަނެއް، އެތާގައި ހުންނާނީ ޑީސަލް އާއި މަސް ވެރިކަން ކުރަން ބޭނުންކުރާ ދާ ފަދަތަކެތި،" މާހިރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެގުދަނަކީ ކަރަންޓް ވެސް ހުންނަތަނެއް ނޫން ކަމަށާއި އެހެންކަމުން ލަފާކުރެވެނީ އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެމައްސަލަ ބަލަން ފުލުހުން ނުދާ ކަމަށާއި އެހެންކަމުން އެކަން ދިމާވާންވީ ކީއްވެކަމަށް ބުނަން ނޭންގޭކަމަށް ވިދާޅުވި އެވެ.