ޤާހިރާ (އޮގަސްޓް 9): މިސްރުގެ ދާޚިލީ ވަޒީރު މުޙައްމަދު އިބްރާހީމް އަވަހާރަކޮށްލުމަށް މިދިޔަ ބުރާސްފަތި ދުވަހު ޤާހިރާގައި ދިން ބޮމުގެ ޙަމަލާގެ ޒިންމާ ސީނާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން އުފުލައިފި އެވެ.

"އަންސާރު ބައިތުލްމަޤްދިސް" ނަމަކަށްކިޔާ މިޖަމާއަތުން ނެރުނު ބަޔާނެއްގައި ވަނީ މިސްރުގެ ދާޚިލީ ވަޒީރު މުޙައްމަދު އިބްރާހީމް އަކީ "މިސްރުގެ މުސްލިމުންގެ ލޭބޯ ޝައިތާނެއް" ކަމަށް ސިފަކޮށްފަ އެވެ. މިސްރުގެ ކުށެއްނެތް އެތައް ސަތޭކަ ބައެއްގެ ލެއިން އޭނާގެ ދެއަތް ތަތްތެޅިފައިވާތީ އޭނާ މަރާލުމަށް އެޖަމާއަތުގެ "މުޖާހިދުން" އަމިއްލައަށް "ޝަހީދުވެގެން" ޙަމަލާއެއް ދީފައިވާނެ ކަމަށާ އެޙަމަލާ އޭނާގެ ދެލޮލުން ވެސް ފެނިފައިވާނެ ކަމަށް މިބަޔާން ބުނެ އެވެ.
މީގެއިތުރުން މިބަޔާނުގައި މިސްރުގެ ދިފާޢީ ވުޒާރާ އާއި ދާޚިލީ ވުޒާރާގެ ޢިމާރާތްތަކަށް ޙަމަލާތައް ދޭނެކަމުގެ އިންޒާރުދީ މިތަންތަނާ ދުރުގައިތިބުމަށް "މިސްރުގެ މުސްލިމުންނަށް" އިލްތިމާސްކޮށްފައިވެ އެވެ. "އަންސާރު ބައިތުލްމަޤްދިސް" ޖަމާއަތަކީ އަލްޤާޢިދާ އަށް ނިސްބަތްވާކަން ކުރިން އިޢްލާންކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތެކެވެ.

މިޖަޢާތް ހަރަކާތްތެރިވަނީ ފަލަސްތީނުގެ ޣައްޒާއާއި މިސްރުގެ ސީނާ ބިމުގަ އެވެ. މިޖަމާއަތުގެ ޙަމަލާތަކުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މިސްރު ސިފައިންގެ އެތައް ބަޔަކު މަރުވެފައިވެ އެވެ. މިސްރުގެ ދާޚިލީ ވަޒީރު މުޙައްމަދު އިބްރާހީމަކީ މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ އަށްތާއީދުކޮށް ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި އެއްވެތިބި ލައްކައެއްހާ މީހުންނާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން ހިންގި ޤަތްލުއާންމުގެ ފަހަތުގައިވާ އެއްފަރާތް ކަމަށް ވަނީ ބެލެވިފަ އެވެ.

މިޤަތްލު އާންމުގައި މިސްރުގެ ސިފައިންނާއި ފުލުހުން ދިން ޙަމަލާތަކުގައި 800 އެއްހާ މީހުން މަރާލައި އެތައް ހާސްބަޔަކު ޒަޚަމްކޮށްލާފައިވެ އެވެ. މުޙައްމަދު އިބްރާހީމް އަވަހާރަކޮށްލުމަށް ޤަހިރާގެ ނަސްރު ސިޓީގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކާރުބޮމެއް ގޮއްވާލާފަ އެވެ. މިޙަމަލާގައި އެކަކު މަރުވެ އެތަށްބަޔަކު ޒަޚަމްވި ނަމަވެސް މިޙަމަލާއިން މުޙައްމަދު އިބްރާހީމް ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ. މިޙަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި މުޙައްމަދު އިބްރާހީމްގެ ބައެއް ގާޑުން ވެސް ހިމެނެ އެވެ. (އަލްޖަޒީރާ)