09 Sep 2013, 10:03
ކަތުމަންޑޫން: އަޙްމަދު މުޖްތަބާ
އަށްވަނަ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ނޭޕާލަށް ލިބުނު ޕެނަލްޓީ ދިފާއު ކުރުމަށްވުރެ ބޮޑަށް އުފާވީ ޓީމު ރޫހުގައި ކުޅެ މޮޅުވުމުން ކަމަށް އަފްޣާނިސްތާންގެ ގޯލްކީޕަރު މަންސުރު ފަގިރްޔާރު ބުނެފި އެވެ.
ނޭޕާލްގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އެ ޓީމާ ވާދަކޮށް 1-0 އިން އަފްޣާން މޮޅުވި މެޗުގައި އެޓީމްގެ ހުށިޔާރު ގޯލް ކީޕަރު ވަނީ، މެޗު ނިމެން ކައިރިވެފައި ވަނިކޮށް ނޭޕާލަށް ލިބުނު ޕެނަލްޓީ ނޭޕާލްގެ ރޯހިތު ޗާންދު ފޮނުވާލުމުން މަތަ ކޮށްފަ އެވެ. ޕެނަލްޓީ ޖެހުމުގެ ކުރިން ކީޕަރު ބޭރަށް ނުކުތް ކަމަށް ބުނެ ދެވަނަ ފަހަރަށް ރޯހިތު ފޮނުވާލި ބޯޅަވެސް ފަގިރް ޔާރު ވަނީ މަތަކޮށްފަ އެވެ.
"ޕެނަލްޓީ މަތަކުރެވުމުން އުފާވި، އެކަމަކު އެއަށް ވުރެ ބޮޑަށް އުފާވީ ޓީމެއްގެ ގޮތުގައި، ޓީމު ރޫހުގައި ކުޅެ، ނޭޕާލްގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އެޓީމް އަތުން މޮޅުވުމުން،" ސަންއަށް ދިން އިންޓަވިއު އެއްގައި އަފްޣާން ކީޕަރު ބުންޏެވެ.
އިއްޔެގެ ސެމީ ފައިނަލްގެ ފުރަތަމަ ހާފްގައި އަފްޣާން ޓީމުން ރަނގަޅަށް ކުޅެ ލަނޑެއް ކާމިޔާބު ކުރިނަވެސް ނޭޕާލް ޓީމުން ވަނީ، ކުޅުން ވަރުގަދަ ކޮށް ގިނަ ހަމަލާތަކެއް އަފްޣާންގެ ގޯލަށް އަމާޒު ކޮށްފަ އެވެ. އެހެން ނަމަވެސް ފަގިރްޔާރު ވަނީ، އެ ހުރިހާ ހަމަލާތަކެއް ދިފާއުކޮށް ނޭޕާލް މިފަހަރުގެ ކާމިޔާބު ކުރުމަށް ދެކެމުންއައި ހުރިހާ ހުވަފެނެއް ފެނަށް ދުއްވާލާފަ އެވެ.
"މިއީ ހަޔާތުގައި އުފާވި ދުވަހެއް. ހަގީގަތުގައި އެއީ ޕެނަލްޓީއެއް ކަމަށް އަހަރެން ނުދެކެން. ރެފްރީ ނުރަނގަޅުކޮށް ނިންމި ނިންމުން ﷲގެ އިރާދަފުޅުން އަހަރެމެން ކޮޅަށް ކާމިޔާބުވީ،" އަފްޣާން ކީޕަރު ބުންޏެވެ.
އިއްޔެ ކުޅުނު ސެމީ ފައިނަލްގައި ނޭޕާލް ޓީމުން އަފްޣާން ގޯލަށް އަމާޒު ކުރި އެތައް ހަމަލާތަކެއް ދިފާއު ކޮށް އެ ޓީމަށް ފައިނަލްގެ ފުރުސަތު ހޯދައި ދިން ހުނަރުވެރި ގޯލްކީޕަރަށް ވަނީ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ލިބިފަ އެވެ.