ކަތުމަންޑޫން: އަޙްމަދު މުޖްތަބާ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިއްޔެ ހަވީރު އަފްޣާނިސްތާނާ ވާދަކޮށް މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލް 1-0 އިން ބަލިވި ނަމަވެސް އޭނާގެ ޓީމުން ދެއްކި މޮޅު ކުޅުމާ ދޭތެރޭގައި ފަހުރުވެރިވާ ކަމަށް ނޭޕާލްގެ އެމެރިކަން ކޯޗު ޖެކް ސްޓެފަނޯސްކީ ބުނެފި އެވެ.

ސެމީ ފައިނަލް މެޗަށްފަހު މެޗާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސްޓެފަނޯސްކީ ބުނީ، ފުޓްބޯޅައަކީ މޮޅުވުމާއި ބަލިވުން އޮންނަ ކުޅިވަރެއް ކަމަށާއި އޭނާގެ ޓީމު ސެމީގައި ބަލިވި ނަމަވެސް ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައި ކަމަށެވެ.

"މެޗުން ބަލިވުމުން ވަރަށް ދެރަވި. އެހެން ނަމަވެސް އަހަރެންގެ ކުޅުންތެރިން މި މެޗުގައި ދެއްކި ކުޅުމާ ދޭތެރޭ އަހަރެން ވަރަށް ހިތްހަމަ ޖެހޭ،" ސްޓެފަނޯސްކީ ބުންޏެވެ.

ނޭޕާލްގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އަފްޣާނާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ކޮޅުގައި ނޭޕާލް ކޮޅަށް ލަނޑެއް ވަދެފައި ވީނަމަވެސް ނޭޕާލް ޓީމުންވަނީ، ހިތްވަރާ އެކު ކުޅުން ވަރުގަދަކޮށް އަފްޣާން ކޮޅަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.

"މެޗު ފެށިއިރު އަހަރެމެން ރަނގަޅަށް ކުޅުނީވެސް. އަދި މެޗުގެ ގިނަ ވަގުތު އަހަރެމެން ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި. އެހެން ނަމަވެސް އަމިއްލަ ދަނޑުގައި މޮޅުވުމުގެ ނަސީބު ނުލިބުނީ. ސަޕޯޓަރުންދިން ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ނޭޕާލް ކޯޗު ބުންޏެވެ.

ސްޓެފަނޯސްކީ ބުނީ، ނޭޕާލް ޓީމް ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އަދި އެ ޓީމުގެ ކުރީގެ ކޯޗު، އިންގްލެންޑްގެ ގްރެހަމް ރޮބަޓްސް ޓީމް ބައްޓަން ކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށްވާތީ އޭނާ އަށް ޝުކުރު އަދާކުރާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ނޭޕާލް ޖާގަ ހޯދީ މުބާރާތުގެ މަރުގެ ގްރޫޕުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ގްރޫޕް އޭގައި ހިމެނޭ ބަންގުލަދޭޝް ޓީމާއި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ ބަލިކޮށް އަދި ޕާކިސްތާނު މެޗު އެއްވަރު ކޮށްގެން ނެވެ.

އިންޑިއާގެ ނިއުދިއްލީގައި 2011 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ވެސް އަފްޣާނިސްތާން އަތުން ނޭޕާލް ބަލިވީ 1-0 ލަނޑުންނެވެ.