ކަތުމަންޑޫން: އަޙްމަދު މުޖްތަބާ

ސެމީފައިނަލްގައި ނޭޕާލް ބަލިކޮށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވުމުން ވަރަށް ބޮޑު އުފާވެރިކަމެއް ލިބިއްޖެ ކަމަށް އަފްޣާނިސްތާން ޓީމުގެ ކެޕްޓަން ހާރޫން ފަހުރުއްދީން ބުނެފި އެވެ.

މިފަހަރުގެ މުބާރާތް ބާއްވާ ނޭޕާލްގެ ދަސަރަތު ސްޓޭޑިއަމްގައި އެ ގައުމުގެ 22000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި އަފްޣާނިސްތާން މެޗު ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް. ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށް މިވީ،" އަފްޣާން ޓީމުގެ ކެޕްޓަން ބުންޏެވެ. "މީގެ ދެއަހަރު ކުރިން މި މުބާރާތުގެ ފައިނަލްގައި އިންޑިއާ އަތުން ބަލިވުމުން ވަރަށް ބޮޑަށް ދެރަވި. އެހެން ނަމަވެސް މިހާރު މިވަނީ އަނެއްކާވެސް މި މުބާރާތުގެ ފައިނަލުން ޖާގަ ލިބި މުބާރާތް ކާމިޔާބު ކުރުމަށް ފުރިހަމައަށް ތައްޔާރުވެފައި."

އިންޑިއާގެ އައި ލީގު ކުލަބެއް ކަމަށްވާ މުމްބާއީ އެފްސީއަށް ކުޅޭ ފަހުރުންދީން ބުނީ، އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ ނޭޕާލުގެ އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އެޓީމު ބަލިކޮށް ފައިނަލުގެ ޖާގައެއް ކަށަވަރު ވުމުން ކަމަށެވެ.

"ނޭޕާލު ޓީމަކީ މުޅި މި ސަރަހައްދުގައި ވެސް ސަޕޯޓަރުންގެ ތަރުހީބު އެންމެ ބޮޑަށް ލިބޭ ޓީމު. އެހެން ކަމުން އެޓީމުގެ އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މޮޅުވުން މިވަނީ އަހަރެމެން ދެކެމުން އަދި ހުވަފެން ހަގީގަތަކަށް ވެފައި،" ފަހުރުއްދީން ބުންޏެވެ.

މުބާރާތުގެ ފައިނަލްގައި ވާދަކުރަން ބޭނުންވަނީ ކޮން ޓީމަކާތޯ ސުވާލުކުރުމުން އަފްޣާން ކެޕްޓަން ބުނީ، ކޮންމެ ޓީމަކާ ވާދަކުރަން ޖެހުނަސް އެންމެ ރަނގަޅު ކަމަށެވެ.

"އިންޑިއާ ޓީމަކީ ވެސް އަދި ދިވެހި ރާއްޖޭ ޓީމަކީ ވެސް ވަރުގަދަ ދެޓީމް. ފައިނަލްގައި އެއިން ކޮންމެ ޓީމަކާ ވާދަކުރަން ޖެހުނަށް އަހަރެމެން މިތިބީ ތައްޔާރަށް،" އަފްގާނިސްތާން ކެޕްޓަން ބުންޏެވެ.