09 Sep 2013, 09:51
ކަތުމަންޑޫން: އަޙްމަދު މުޖްތަބާ
ނޭޕާލްގެ އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އެޓީމް ބަލިކޮށް ފައިނަލަށް ދެވުމަކީ ގަބޫލުކުރަންވެސް ދަތި ނަތީޖާއެއް ކަމަށް އަފްޣާނިސްތާން ޓީމްގެ ސަންޖަރު އަހްމަދީ ބުނެފި އެވެ.
އަށް ވަނަ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި މުބާރާތް ބާއްވާ ގައުމު އަތުން އަފްޣާން މޮޅުވީ މެޗުގެ 10 ވަނަ މިނިޓުގައި ނޭޕާލް ގޯލްތެރެއަށް ސަންޖަރު ވައްދާލި ލަނޑާއެކު 1-0 އިން ނޭޕާލް ބަލިކޮށްގެންނެވެ.
"ބުނެދޭން ވެސް ނޭނގޭހާ ބޮޑު އުފަލެއް މިއަދު ލިބިއްޖެ. މިއީ ގަބޫލު ވެސް ކުރަން ދަތި ނަތީޖާއެއް. ނޭޕާލްގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އެޓީމް ބަލިކޮށްގެން ފައިންލުން ޖާގަ މިލިބުނީ. މިއީ ރަނގަޅު ސަޕޯޓަރުންތެކެއް ތިބި ހިތްގައިމު މާހައުލެއް،" ސަންޖަރު ބުންޏެވެ. "2011 ވަނަ އަހަރު ވެސް އަހަރެން ނޭޕާލް ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދިން އަނެއްކާ ދެވަނަ ފަހަރަށް ވެސް ސެމީން ޖާގަ މިހޯދީ ހަމަ އެޓީމު އަތުން މޮޅުވެގެން."
ސަންޖަރު ބުނީ، ނޭޕާލް ކޮޅަށް އޭނާ ކާމިޔާބު ކުރި ލަނޑަކީ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު ކަމަށާއި އަދި އެންމެ ބޮޑު އުފަލެއް އިހްސާސް ކުރެވުނީ އެލަނޑުގެ ސަބަބުން އެޓީމަށް ފައިނަލުން ޖާގަ ލިބުމުން ކަމަށެވެ.
"އަހަރެމެން މިއަދު މޮޅުވީ ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ކުޅެގެން. މިއީ މި މުބާރާތުގައި އަހަރެން ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު،" އަފްޣާން މޮޅުވި ލަނޑު ޖަހައިދިން ކުޅުންތެރިޔާ ބުންޏެވެ. "އަހަރެން ވަރަށް ބޮޑަށް އުފާވި އަހަރެން ޖަހައިދިން ލަނޑަކުން ނޭޕާލް އަތުން މޮޅުވެ ފައިނަލުން ޖާގަ ލިބުމުން."
ސަންޖަރު ބުނީ މުބާރާތުގެ ފައިނަލްގައި ކޮންމެ ޓީމަކާ ވާދަކުރަން ޖެހުނު ކަމުގައިވީ ނަމަވެސް ފަރުވާލެއް ނެތްކަމަށާއި ﷲގެ އިރާދަފުޅުން މިފަހަރުގެ މުބާރާތް އެޓީމުން ކާމިޔާބު ކުރެވޭނޭ ކަމުގެ ޔަގީންކަން މިހާރު ވަރަށް ބޮޑުވެއްޖެ ކަމަށެވެ.