09 Sep 2013, 09:42
ރާއްޖޭގައި ހޮނިހިރު ދުވަހު ނިމުނު ރިޔާސީ އިންތިހާބުގެ ވޯޓްލުމުގެ ފުރަތަމަ ބުރު ނިމިފައި ވަނީ ފުރާ ފުރިހަމަވެފައިވާ ޑިމޮކްރަސީއަކުން ވެސް ފަހުރުވެރިވާހާ ފުރިހަމަކޮށް ކަމަށް އިންޑިއާގެ އޮބްޒާވަރުން ބުނެފި އެވެ.
އިންތިހާބު އޮބްޒާވްކުރުމަށް ފަހު އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ފުރަތަމަ ބުރު ނިމުނީ މިނިވަންކަމާ އިންސާފުވެރިކަމާ އެކުގައި ކަމަށާއި އެހެންވީމާ ދެވަނަ ބުރު އެހެން ނުވާންވީ ސަބަބެއް ނެތް ކަމަށެވެ.
"ފުރަތަމަ ބުރުގެ ކާމިޔާބީއަކީ ފުރާ ފުރިހަމަވެފައިވާ ކޮންމެ ޑިމޮކްރަސީއަކުން ވެސް ފަހުރުވެރިވާ ފަދަ ކުރިއެރުމެކެވެ. މިއީ ދެފުށް ފެންނަ، މިނިވަން އިންސާފުވެރި އިންތިހާބެކެވެ. އެހެންވީމާ ދެން އޮތް ބުރު މިއަށް ވުރެ ގޯސްވާންވީ އެއްވެސް ސަބަބެއް ނެތެވެ،" އިންޑިއާގެ ބަޔާނުގައިވެ އެވެ.
ފާހަގަ ކުރެވޭ ވަރުގެ ހާދިސާއެއް ނުހިނގައި، އޮމާން ކަމާ އެކު ވޯޓްލުން ކުރިއަށް ގޮސްފައިވާކަން އިންޑިއާ އޮބްޒާވަރުން ފާހަގަކޮށްފައިވެ އެވެ. ފާހަގަކޮށްފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ވޯޓް ގުނުމުގައި އިލެކްޝަން އޮފިޝަލުން ބެހެއްޓެވި ކެތްތެރިކަން ހިމެނެ އެވެ. އެގޮތުން ހުރިހާ ފަރާތްތަކުން ހިތްހަމަ ޖެހެންދެން އަލުން ގުނާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި އޮތް އިތުބާރާއި އެމަންދޫބުންނާއި އިލެކްޝަން އޮފިޝަލުންނާ ދެމެދު އޮތް އިތުބާރަކީ ވެސް ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ.
ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް އިންޑިއާގެ އޮބްޒާވަރުންގެ ހަޓީމެއް ރާއްޖެއަ އެވެ. އޭގެ ތެރެއިން ހަތަރު ޓީމު ހަރަކާތްތެރިވީ މާލެ އާއި ވިލިނގިއްޔާއި ހުޅުމާލެއާއި ތުލުސްދު އާއި ހުރައާއި ބަނޑޮސް އައިލެންޑް ރިޒޯޓްގަ އެވެ. އަދި އަނެއް ދެ ޓީމު ހަރަކާތްތެރިވީ އައްޑޫ ސިޓީ އާއި ހއ. އަދި ހދ. އަތޮޅުގަ އެވެ.
އިންތިހާބު އޮބްޒާވް ކުރުމަށް އިންޑިއާ އަށް ދައުވަތު ދީފައި ވާތީ އާއި ރާއްޖެ އައި އިންޑިއާ އޮބްޒާވަރުންނަށް ވަސީލަތްތައް ތަނަވަސް ކޮށްދީފައި ވާތީ އިލެކްޝަންސް ކޮމިޝަނަށް ޝުކުރު އަދާކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.