ޓެލްއަވީވް (އޮގަސްޓް 9) ސޫރިޔާއަށް ހަމަލާދޭން ފެށުމުގެ ހައެއްކަ ގަޑީއިރު ކުރިން އެމެރިކާ އިން އިސްރާއީލުގެ ސަރުކާރަށް އެކަން އަންގާނެކަމަށް އިސްރާއީލުން ބުނެފި އެވެ.

ނަން ހާމަކުރަންނޭދޭ އިސްރާއީލުގެ މަސްއޫލުވެރިއަކު ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ސޫރިޔާ އަށް ހަމަލާދޭން ފެށުމުގެ ހައެއްކަ ގަޑީއިރުކުރިން އިސްރާއީލަށް އެންގުމަށް އެމެރިކާ ވަޢްދުވެފައިވާ ކަމަށާ މިކަމުގެ ބޭނުމަކީ ސޫރިޔާ އިން ދީފާނެކަމަށް ބެލެވޭ ރައްދުޙަމަލާއަކަށް ތައްޔާރުވުމުގެ ފުރްސަތު އިސްރާއީލަށް ދިނުންކަމުގަ އެވެ. ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާ ގުޅުންނެތް ކަމަށް އިސްރާއީލުން ބުނި ނަމަވެސް އިސްރާއީލަށް މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުންމެނުވީ އެމެރިކާ ސޫރިޔާ އަށް ޙަމަލާނުދޭނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

އެމެރިކާ ސޫރިޔާ އަށް ޙަމަލާދިނުމަށް ބޭނުންވާ މައިގަނޑު ބޭނުމަކީ ސޫރިޔާގައިވާ ކެމިކަލް ހަތިޔާރުގެ ސްޓޮކް ނައްތާލުން ނޫނީ އޭގެ ކޮންޓްރޯލް ހޯދުން ކަމަށް ބެލެވުނު ނަމަވެސް އެއީ މިހާލަތުގައި އެމެރިކާ އަށް އަދި ކުރެވޭނެކަމެއް ނޫން ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އިސްރާއީލުން ވަނީ އެމެރިކާ އިސްވެ ޙަމަލާދީފި ނަމަ އޭގެބަދަލުގައި ސޫރިޔާ އިން ދީފާނެ ކަމަށް ބެލެވޭ ރައްދުޙަމަލާތަކަކަށް ތައްޔާރުވުމުގެ ގޮތުން މިސައިލުން ދިފާޢުވުމުގެ ނިޒާމެއްގެ ބެޓްރީތަކެއް "އަޔަންޑޯމް ސިސްޓަމް"ގެ ނަމުގައި އިސްރާއީލުގެ ބައެއް ރައްތަކުގެ ވަށައިގެން ރުކުރުވާލާފަ އެވެ.

އެމެރިކާގެ ފަންނީ އެހީއާ އެކު އިސްރާއީލުން ތަރައްޤީކޮށްފައިވާ މިނިޒާމަކީ ސޫރިޔާ އިން ދީފާނެ ކޮންމެ ޙަމަލާއެއް ދިފާޢު ކުރުމުގެ ޤާބިލްކަން ލިބިގެންވާ ނިޒާމެއް ނޫންކަމަށް ޚަބަރުލިބެ އެވެ. އެމެރިކާ ވަނީ ސޫރިޔާއަށް ދިނުމަށް ރޭވިފައި ވަނީ މަދުދުވަސްތަކަކަށް ދެމިގެންދާނެ "ލިމިޓެޑް" ހަމަލާތަކެއް ކަމަށް ބުނެފަ އެވެ. އަދި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ވިސްނުމެއްނެތް ކަމަށްވެސް އެމެރިކާ ބުނެ އެވެ.

ޢިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމައިގާ ލިބުނު ހިތިފިލާވަޅުތަކުގެ ސަބަބުން އިސްލާމީ ގައުމުތަކަށް އަރައިގަތުމަށް ކުރިން ގެންގުޅުނު ފޯރިއާއި ޖޯޝުއެމެރިކާގައާއި ޔޫރަޕްގައި ވެސް ވަނީ ވަރަށް ބޮޑަށް ކުޑަވެފައި ކަމަށާ މިކަމަށް ފަސްޖެހޭތަން ވެސް މިހާރު ފެންނަމުންދާ ކަމަށް މުޙައްލިލުން ފާހަގަކުރައްވަ އެވެ. (ނޫސްއެޖެންސީތައް)