ނޭޕާލުގެ 23،000 ސަޕޯޓަރުންގެ ކުރިމަތީ މޮޅަށް ކުޅުނު އެ ގައުމުގެ، ގައުމީ ޓީމް ބަލިކޮށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އަފްޣާނިސްތާން ޖާގަ ހޯދައިފި އެވެ.

ކަތުމަންޑޫގެ ދަސަރަތު ރަންގަސަލާ ސްޓޭޑިއަމްގައި ތޮއްޖެހިފައިވާ ނޭޕާލުގެ ސަޕޯޓަރުންގެ ކުރިމަތީގައި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު އެންމެ ފަހުގެ ރަނަރަޕް ޓީމަށް ކާމިޔާބުކޮށްދިނީ، މެޗުގެ 10 ވަނަ މިނިޓުގައި ޖަރުމަނުގެ ހެމްބާގް އަށް ކުޅޭ ކުޅުންތެރިއެއް ކަމަށްވާ ސަންޖަރު އަހްމަދީ އެވެ.

އިންޑިއާގެ ދިއްލީގައި 2011 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައިވެސް އަފްޣާން މޮޅުވީ ނޭޕާލާ ވާދަކޮށް ހަމަ މި މެޗުގެ ނަތީޖާއިން ނެވެ.

މިއަދުގެ މެޗުގައި އަފްޣާން ޓީމުން ލަނޑު ކާމިޔާބު ކުރިފަހުން ނޭޕާލް ޓީމުން، ކުޅުން ވަރުގަދަކޮށް އަފްޣާންގެ ޑިފެންޑަރުންނަށް ޕްރެޝަރު ކުރި އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގެ ކުޅުން ނިމުނު އިރު ވެސް ނޭޕާލް ޓީމަށް ނަތީޖާ ބަދަލު ކޮށްލެވޭ ގޮތް ނުވި އެވެ.

ދެވަނަ ހާފް ފެށިގެން 56 ވަނަ މިނިޓުގައި ނޭޕާލްގެ ކުޅުންތެރިއަކާއި އަފްޣާންގެ ޑިފެންޑަރު ފަރްޒާދު ޣުލާމް ބޯޅައަކަށް ފުންމައިގެން އެރިވަގުތު ދެ ކުޅުންތެރިންގެ ބޯޖެހި ހިނގި ހާދިސާއެއްގައި ފަރްޒާދަށް ވަނީ ވަރަށް ބޮޑު އަނިޔާއެއް ލިބި ދަނޑުން ބާލާފަ އެވެ. އަދި ހަމަ ވަގުތުން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ނޭޕާލަށް މެޗުގެ ނަތީޖާ ބަދަލު ކުރުމަށް ރަނުގެ ފުރުސަތެއް ލިބުނީ މެޗުގެ 86 ވަނަ މިނިޓުގަ އެވެ. އަފްޣާންގެ ގޯލް ކީޕަރު މަންސުރު ފަގިރްޔާރު ބޯޅަ ހިފުމަށްފަހު ނޭޕާލްގެ ޒުވާން ފޯވަޑް ބިމާލް ގަރްތީ މަގަރްއަށް ފައުލް ކުރިކަމަށް ބުނެ ސައޫދީ ރެފްރީ އަސާމް އިދްހާމް މުހައްމަދު ވަނީ ނޭޕާލަށް ޕެނަލްޓީއެއް ދީފަ އެވެ. އެވަގުތު އަފްޣާން ޓީމުގެ ކުޅުންތެރިންނާއި ބެންޗުން ވެސް ރެފްރީގެ ނިންމުމާ ދޭތެރޭގައި ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ.

ނަމަވެސް ރޯހިތު ޗަންދު ޖެހި ޕެނަލްޓީ އަފްގާން ކީޕަރުވަނީ މަތަ ކޮށްފަ އެވެ. ޕެނަލްޓީ ޖެހުމުގެ ކުރިން އަފްޣާް ކީޕަރު ބޭރަށް ނުކުތް ކަމަށް ބުނެ ދެވަނަ ފަހަރަށް ޕެނަލްޓީ ޖެހުމަށް ރެފްރީ ދެއްކުމުން އަނެއްކާ ވެސް ރޯހިތު ޖެހި ޕެނަލްޓީ ފަގިރްޔާރު މަތަކުރުމުން ނޭޕާލުގެ އުންމީދު ފެނަށް ދިޔަ އެވެ.

މިއަދުގެ ސެމީ ފައިނަލް މެޗު ނިމެމުން ދިޔަ ވަގުތު ނޭޕާލްގެ ސަޕޯޓަރުން އަފްޣާން ބެންޗާ ދިމާއަށް އެއްޗެހި އުކުމުން އެ ތަނުގައި ފުލުހުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރި އެވެ.

ނޭޕާލްގައި މިހާރު ކުރިއަށްދާ އަށް ވަނަ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލްގައި އަފްޣާންއާ ވާދަކުރާ ޓީމެއް އެނގޭނީ މާދަމާ ރާއްޖެއާ އިންޑިއާ ވާދަކުރާ މެޗުގެ ނަތީޖާއަށް ފަހު އެވެ. އެ މެޗު ކުޅޭނީ މާދަމާ ހަވީރު ރާއްޖޭ ގަޑީން 5:45ގައި ކަތުމަންޑޫގެ ދަސަރަތު ރަންގަސަލާ ސްޓޭޑިއަމްގަ އެވެ.

https://www.youtube.com/watch?v=Akn5Nxay0GU