އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަކީ "ޗޮއިސް"އެއް ނޫނީ އިހްތިޔާރެއް ނޫން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ނަސަންދުރަޕެލަސް ހޮޓެލްގައި ނޫސްވެރީންނާ ބައްދަލުކުރައްވައި ޑރ. ޖަމީލު ވިދާޅުވީ އިންތިޚާބުގައި ވޯޓު ލިބިގެން ދިޔަ ގޮތަށް ބަލާ އިރު ރާއްޖޭގެ ރައްޔިތުން ނަޝީދު ބޭނުންނުވާކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ ނަޝީދަކީ "އަނިޔާވެރިވެރިއް" ކަމަށާއި ރައްޔިތުން އެކަން ހަނދާން ނުނެތޭ ކަމަށެވެ.

ނަޝީދުގެ ވެރިކަމުގައި ގާޒީންނަށާއި ސިޔާސީ އިސްވެރީންނަށް އަނިޔާކޮށް ޖަލަށްލައި މީހުންނާ މެދު ވަރަށް ރަހްމުކުޑަގޮތަކަށް އަމަލުކޮށްފައިވާ ކަމަށާއި އޭނާ އަކީ ޑިމޮކްރެސީ ހަލާކުކޮށްލަން މަސައްކަތް ކުރެއްވި ބޭފުޅެއްކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދު ގާނޫނާ ޚިލާފަށް ކުރެއްވި ކަންތައްތަކުގެ މައްޗަށް ބިނާކޮށް އޭނާގެ އެއޮތީ ދައުވާ އުފުލިފައި ކަމަށާއި ޝަރީއަތް ރަނގަޅަށް ހިނގައިގަތް ނަމަ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަނުކުރެއްވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

ނަޝީދަކީ ރާއްޖެ އަށް ފައިދާވާ ގޮތަށް މަސައްކަތް ކުރެއްވި ބޭފުޅެއް ނޫންކަމަށާއި ފާއިތުވި ތަނުގައި ވެސް މަސައްކަތް ކުރައްވާފައި ވަނީ ކޮންމެ ވެސް ގޮތަކުން ވެރިކަން ކުރެއްވުމަށް ކަމަށް ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ނަޝީދަކީ ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ވިޔަފާރި ކުންފުނިތަކަށާއި ރާއްޖޭގެ ވިޔަފާރިތަކަށް ވެސް ހުރި ބޮޑު ބިރެއް ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ގަބޫލު ކުރެވޭ ނަޝީދަކީ ރާއްޖެ އަށް ފައިދާ އަކަށް މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން[ކަން]. ރާއްޖޭގެ އިންވެސްޓްމަންޓުތަކަށް ވެސް ފައިދާ އަށް މަސައްކަތް ކުރެއްވި ބޭފުޅެއް ނޫން. މިތަނުގައި ތިބި ވިޔަފާރިތަކަށާއި ހުރިހާ ވިޔަފާރިތަކަށް ވެސް ހުރަސްއަޅުއްވަން މަސައްކަތް ކުރެއްވީ. ދެންމެ ވިދާޅުވި ފަދައިން ޓެކްސް ބޮޑު ކުރުމާއި އަދި ރައްޔިތުންނަށް ބުރަވާގޮތަށް ކޮންމެ ކަމެއް ކުރައްވައިގެން ނަމަވެސް އެމަނިކުފާނުގެ ވެރިކަން ކުރުމުގައި. އެއްވެސް ހާލެއްގައި ރައްޔިތުންނަށް ރަނގަޅު އެއްޗެއް ވިއްކައިގެން ރަނގަޅުގޮތެއް މެދުވެރިކޮށްގެން ވެރިކަން ކުރައްވާ ގޮތެއް ނެތް. ވިޔަފާރިތަކަށް ވެސް ހުރި ބިރެއް ހަގީގަތުގައި ރައީސް ނަޝީދަކީ." ޑރ. ޖަމީލު ވިދާޅުވި އެވެ.