08 Sep 2013, 19:31
މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި 60 ޕަސެންޓަށް ވުރެ ގިނަ ވޯޓު ހޯއްދަވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ނަސަންދުރަޕެލަސް ހޮޓެލްގައި ނޫސްވެރީންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ ފުރަތަމަ ބުރުން ޕީޕީއެމް އަށް ކާމިޔާބު ނުކުރެވުނީ، ނަޝީދާ ދެކޮޅު ފިކުރުގެ ގޮތުގައި ތިން ބޭފުޅަކު ވާދަކުރެއްވުމުން ވޯޓުތައް ބައިބައިވުމުން ކަމަށެވެ. އެހެންނޫ ނަމަ ފުރަތަމަ ބުރުން ޕީޕީއެމް އަށް އިންތިޚާބު ކާމިޔާބު ކުރެވުނީސް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ރައީސް ނަޝީދަށް ތާއީދުކުރާ ފިކުރުމުގެ މައްޗަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވީ. އެކަމަކު އެކަކަށް އެއްފަރާތުން ރައީސް ނަޝީދަށް ވޯޓު ލިބިވަޑައިގަންނަވާ އިރު އަނެއްފާރުން އެކެއްގެ ބަދަލުގައި އެއް ފިކުރަކަށް ތަމްސީލްކުރާ ތިން މީހުން މިތިބީ. އެހެންވީމާ އަނެއް ފަރާތުގެ ފިކުރު ފުރަތަމަ ފެށިފައި ވެސް އެއޮތީ 50 އިން. އެހެންވީމާ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މި ދެ ފިކުރުމުގެ މައްޗަށް ދެފަރާތަކުން ދެ ކެންޑިޑޭޓުން ނުކުތް ނަމަ ފުރަތަމަ ބުރުން ޕީޕީއެމް ކާމިޔާބު ކުރީސް،" ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ ދެވަނަ ބުރުގައި ޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް ޕީޕީއެމްގެ ގިނަ ސަޕޯޓަރުން އެދެމުން އަންނަ ކަމަށާއި އެގޮތުން ކޯލިޝަން ހެދުމަށް ޓަކައި ޖުމްހޫރީ ޕާޓީ އާއި ރައީސް ވަހީދާ ވާހަކަ ދައްކަވަމުން އަންނަ ކަމަށެވެ. އަދި ރައީސް ވަހީދުގެ ފުރިހަމަ ސަޕޯޓް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ވެސް މަޝްވަރާ ކުރައްވަމުން އަންނަ ކަމަށާއި އަދި އެ މަނިކުފާނު ޕީޕީއެމްއާ އެކު ކޯލިޝަން ހައްދަވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ދެވަނަ ބުރުގައި ރައްޔިތުން ނަޝީދަށް ނޫނެކޭ ބުނާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ޑޯޓްޑޯ ކެންޕޭނެއް މާލޭގައި މިހާރު ވެސް ފަށާފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވީ ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީއާ ވެސް ވާހަކަ ދެކެވިފައިވާ ކަމަށާއި ޑީއާރްޕީއާ އެކު ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވަމުން ގެންދަވަނީ ޓެކްސް ނަގައިގެން ނޫނީ ވެރިކަން ނުހިންގޭނެ ކަމަށާއި ނަމަވެސް ޕީޕީއެމްގެ ސަރުކާރެއްގައި އިތުރަށް ޓެކްސް ނުނަގައި ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި އެއާޕޯޓު އަލުން ޖީއެމްއާރާ ހަވާލު ކުރާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އެއީ ޕީޕީއެމުން ތާއީދު ކުރާނެ ކަމެއް ނޫން ކަމަށެވެ.