ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީގެ ކެމްޕޭން މަސައްކަތްތައް މިއަދުން ފެއްޓިގެން ފައްޓަވާފައިވާ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

މިއަދު އެމްޑީޕީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނަޝީދު ވިދާޅުވީ މަދާމާ އިންތިހަބާ ކުރިމަތި ލިޔަސް އެ ޕާޓީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށާއި ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ބޮޑު އަގުލަބިއްޔަތެއްގެ ވޯޓް ހޯއްދަވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ އާ އެއްކޮށް ދެވަނަ ބުރަށް ނުކުންނަން ކިތަންމެ ބަޔަކު އެބަ ތިބި ކަމަށާއި އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން ސަރުކާރު ވަޒީރު ބޭފުޅުންނާއި އެ މަނިކުފާނުގެ އާއިލާ ބޭފުޅުންނާއި އެހެން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ތިއްބެވި ކަމަށެވެ.

ހަމަ އެއާ އެކު އިއްޔެގެ އިންތިހާބުން ރައީސް ވަހީދަށް އެއްވެސް ތާއިދެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއިންތިހާބުގެ ނަތީޖާ އިން އެނގުނު ހަގީގަތަކީ ކޯނީގެ ރިޕޯޓްގައި ބުނެފައިވާ ކަންތައްތަކާ ހިލާފަށް ރާއްޖޭގެ ރައްޔިތުން ތިބީ ދިވެހި ރައްޔިތުންގެ ޕާޓީ އާ އެއްކޮޅަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އިއްޔެގެ އިންތިހާބުން އެގިގެން ދިޔަ އެންމެ ބޮޑު އެއްހަގީގަތަކީ އަޅުގަނޑުގެ ކުރީގެ ނައިބް ރައީސް ... މުހައްމަދު ވަހީދަށް ރާއްޖޭގައި އެއްވެސް ތާއީދެއް ނެތްކަން. އަދި އެ އަމަލްތަކަށް ވެސް ރާއްޖޭގައި އެއްވެސް ތާއީދެއް ނެތް ކަން،" ނަޝީދު ވިދާޅި އެވެ.

ނަޝީދު ރައީސް ޑރ. ވަހީދުގެ ސިޔާސަތަށް ނަޝީދު ފާޑުވިދާޅުވި އިރު މި އަހަރުގެ އެޕްރީލު މަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނަޝީދު ވިދާޅުވީ ރައީސް ޑރ. ވަހީދަށް މި ފަހަރުގެ އިންތިހާބުގައި 10،000 ވޯޓު ލިބިވަޑައިގެންފި ނަމަވެސް އެ މަނިކުފާނު ސިޔާސީ ވާހަކަ ދެއްކެވުން ހުއްޓަވާލައްވާނެ ކަމަށެވެ.