ދެން އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2015 ވަނަ އަހަރު އިންޑިއާގައި ބާއްވަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އިންތިޒާމް ކުރާ ވޯލްޑް ސްޕޯޓްސް ގްރޫޕާއި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)އާ ދެމެދު ވެފައިވާ އެއްބަސް ވުމުގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު މުބާރާތް ބާއްވަން ޖެހޭނީ އިންޑިއާގަ އެވެ. އެއީ މުބާރާތުގެ ބޮޑެތި ސްޕޮންސަރުންނަކީ އިންޑިއާގެ ވިޔަފާރިތައް ކަމަށްވާތީ އެފަރާތްތައް ހިތްހަމަ ޖައްސައި ދިނުމަށްޓަކައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރު ބާއްވާނޭ ތަނެއް ރައްމީކޮށް ކަނޑައަޅަައި އިއުލާނު ކުރާނީ މިމަހުގެ 10 ވަނަ ދުވަހު ކަތުމަންޑޫގައި ބާއްވަން ތާވަލް ކޮށްފައިވާ ސާފްގެ އެކްސްކޯ ބައްދަލުވުމުގަ އެވެ.

ދިވެހި ރާއްޖެއާއި ސްރީ ލަންކާގައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާފައިވާ އިރު ރިޕޯޓްތައް ބުނާގޮތުން 2017 ވަނަ އަަރުގެ މުބާރާތް ބާއްވާނީ ރާއްޖޭގަ އެވެ.