އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ހުރިހާ ފުލުހުންގެ ނަމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.


އިންތިހާބުގެ ސަލާމަތީ ކަންކަން ކުރިޔަށް ދިޔަ ގޮތާ ގުޅޭ ގޮތުން ޕޮލިސްލައިފް މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވީ މި އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ކުރި ހޯއްދެވި ދެ ބޭފުޅުން ހޯއްދެވި ކާމިޔާބީ އަށް ހުރިހާ ފުލުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ ވިދާޅުވެ ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ރައްޔިތުންގެ މެދުގައި ސުލްޙަ މަސަލަސްކަން ގާއިމް ކުރުމަށް ފުލުހުން ކުރަމުން ދިޔަ މަސައްކަތުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބިގެން ދިޔަ އެއްބާރުލުން ރިޔާޒް ވަނީ ފާހަގަކުރައްވައިފަ އެވެ.

"އިންތިހާބުގެ ކަންކަން އަމާންކަމާއި ސުލްޙަވެރިކަމާ އެކު ނިމިގެން ދިޔައީ ގައުމުގެ ސުލްޙަ މަސަލަސްކަމަށް އިސްކަންދީގެން ރައްޔިތުން މަސައްކަތް ކުރުމުން. އެގޮތުން ބޭއްވިގެން އެދިޔައީ އިރާދަކުރެއްވިއްޔާ އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ވަރަށް ސުލްޙަވެރި އިންތިހާބެއް،" ރިޔާޒް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ލިބުނީ 45 ޕަސެންޓެވެ. އަދި ދެވަނަ އަށް ދިޔަ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ލިބުނީ 25 ޕަސެންޓެވެ.