ކަތުމަންޑޫން: އަޙްމަދު މުޖްތަބާ

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ނަންރީތި އަހްމަދު ސަލީ މެންދުރުގެ ކެއުމެއް ދެއްވައިފި އެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލް ދިރިއުޅުއްވުމަށް ކަތުމަންޑޫގައި ހުންނަ ސާކް ހައުސްގައި ސަލީމް އިއްޔެ ދެއްވި މެންދު ކެއުމުގައި ގައުމީ ޓީމުގެ ކުޅުންތެންނާއި އޮފިޝަލުންގެ އިތުރުން މުބާރަތް ކަވަކުރުމަށް މިވަގުތު ނޭޕާލްގައި ތިބި ރާއްޖޭގެ ނޫސްވެރިން ވެސް ވަނީ ބައިވެރި ވެފަ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް ފަހު ސަލީމް ވަނީ އިއްޔެ ޓީމަށް ހިތްވަރު ދެއްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި އިއްޔެގެ އެ ކެއުން ކުރިއަށް ދިޔަ ވަގުތު ސަލީމްގެ އާއިލާގެ ފަރާތުން ވަނީ، ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގުގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޭކެއް ފަޅާފަ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކަވަކުރުމަށް ރާއްޖޭގެ ނޫސްވެރިން ނޭޕާލްގައި ހަރަކާތްތެރި ވަމުން ގެންދާއިރު ރާއްޖޭގެ ނޫސްވެރިންނަށް ސާކްގެ ސެކްރެޓަރީ ޖެނެރަލާއި އަދި އެ މަނިކުފާނުގެ އޮފީހުގައި މަސައްކަތް ކުރަށްވާ ދިވެހި މުވައްޒަފުންގެ ފަރާތުން އެކިއެކި ކަންކަމުގައި ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ދަނީ ފޯރު ކޮށްދެމުންނެވެ.